ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކަށް ކަރަންޓު ގުޅައި މީޓަރު ބޯޑު ހަރުކުރުމަށް ކޮންމެ އެޕާޓްމެންޓަކުން ދައްކަން ޖެހޭނީ 300 ރުފިޔާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ހިޔާ ޓަވަރުތަކަށް ކަރަންޓު ގުޅުމުގެ މަސައްކަތް އެއްކޮށް ނިންމައި މިއަދު ވަނީ ހައުސިން ޑިވެލޮޕެމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފައި އެވެ. އެ މަސައްކަތް ކޮށްފައިވަނީ ސްޓެލްކޯއާއި ބައެއް ހަވާލުކޮށްގެން ޗައިނާގެ ސީއެމްއީސީ ކުންފުނިންނެވެ.
އެޗްޑީސީން ބުނީ މިހާރު ކުރަމުންދަނީ ކޮންމެ ޓަވަރެއްގެ ސަބްސްޓޭޝަނަށް ފައިނަލް ކަނެކްޝަން ދިނުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އެ މަސައްކަތް މިއަދު ފަށާފައިވާއިރު އަންނަ މަހުގެ 19 އަށް ނިމޭނެ ކަމަށް ބުނެ އެވެ.
މި މަސައްކަތްތައް ނިމޭއިރު ކޮންމެ ފްލެޓަކަށް ވަކިން ކަރަންޓު ގުޅައި މީޓަރު ބޯޑު ހަރުކުރާނެ އެވެ. މި މަސައްކަތް ކުރާ ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަންކަމުގެ ފީއެއްގެ ގޮތުގައި ނަގާނީ 300 ރުފިޔާ ކަމަށެވެ. އެ ފީއަކީ ކޮންމެ ފްލެޓަކަށް ކަރަންޓު ދޭން ކުރަންޖެހޭ ހުރިހާ މަސައްކަތަކަށް ނަގާ ފީއެއް ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ 300 ރުފިޔާ އެއް ފަހަރާ ދައްކަން އުނދަގޫ ވާނަމަ ބަހާލައިގެން ދެއްކުމުގެ ފުރުސަތު ސްޓެލްކޯއިން ފްލެޓު ލިބުނު ފަރާތްތަކަށް ދޭނެ ކަމަށެވެ.
ފްލެޓްތައް ލިބުނު 6،720 މީހުންނަށް ތަން ހަވާލުކުރަން މިމަހުގެ 14 ވަނަ ދުވަހު އެޗްޑީސީން ވަނީ ފަށާފައި އެވެ. އެ މަސައްކަތް އެއްކޮށް ނިންމަން ކަނދައަޅާފައިވަނީ އަންނަ މަހުގެ14 ވަަނަ ދުވަހު އެވެ.
ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު ހަދާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް