އީދު ޗުއްޓީ ފެށުން އިރު ކޯވިޑް ފެތުރޭ ރަށްތަކުގެ އަދަދު 14އަށް މަދުވެއްޖެ

ކޯވިޑް-19 ފެތުރޭތީ މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ 14 ރަށެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. ރަށެއް މޮނިޓަރިންގެ ހާލަތަށް ލަނީ އާންމުންގެ މެދުގައި ބަލި ފެތުރޭނަމ...

19 Jul 2021 | 11:01

ކޯވިޑް-19 ފެތުރޭތީ މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ 14 ރަށެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރަށެއް މޮނިޓަރިންގެ ހާލަތަށް ލަނީ އާންމުންގެ މެދުގައި ބަލި ފެތުރޭނަމަ އެވެ. އެގޮތުން ފްލޫ ކްލިނިކަށް ދައްކާ މީހަކު ކޯވިޑަށް ޕޮސިޓިވް ވެއްޖެ ނަމަ އޭގެން އެނގިގެން ދަނީ އާބާދީގެ ތެރޭގައި ނޭނގި ބަލިފެތުރެމުންދާ ކަން ކަމަށްވާތީ އެ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެންނާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެކަމަކު ހޯމް ކަރަންޓީންގައި ހުންނަ މީހަކު ޕޮސިޓިވްވިޔަސް އެ ރަށެއް މޮނިޓަރިންގެ ހާލަތަށް ނުގެންނާނެ އެވެ. އެޗްޕީއޭއިން ބުނީ ހޯމް ކަރަންޓީންގައި ހުންނަ މީހާ ގައިޑްލައިނާ ހިލާފު ނުވާނަމަ ރަށުތެރެއަށް އެމީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެތީ ކަރަންޓީންގައި ހުންނަ މީހާ ގައިޑްލައިނާ ހިލާފު ވުމުގެ ސަބަބުން އިތުރު ބަޔަކަށް ބަލި ނުޖެހޭނަމަ މޮނިޓަރިންނަށް ނުލާނެ ކަމަށެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ތިނަދޫ، ނަޑެއްލާ، ފ. ފީއަލީ، ރ. މީދޫ، ދުވާފަރު. ށ. ފޯކައިދޫ، ގއ. ވިލިނގިލި، ކޫއްޑޫ، ހއ. ދިއްދޫ، ކ. ކާށިދޫ، ގުރައިދޫ އެވެ. ދެން މޮނިޓަރިންގެ ހާލަތުގައޮ އޮތީ، އއ ތޮއްޑޫ، ރަސްދޫގެ އިތުރުން ފުވައްމުލަކު ސިޓީ އެވެ.

މީގެ ތެރެއިން މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަ ދުވަސް ވެފައިވަނީ ގދ. ތިނަދޫ އާދި ފ. ފީއަލީ އެވެ. ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު އެވެ. ފީއަލީ މޮނިޓަރިންއަށް ލާފައިވަނީ މެއި މަހުގެ ދެ ވަނަ ދުވަހު އެވެ.

އެޗްޕީއޭއިން ގައިޑްލައިންތަކަށް ގެނެސްފައިވާ ބަދަލާއި އެކު ބަލި ޖެހުނުތާ 60 ދުވަސް ނުވާ މީހުންނާއި ކޯވިޑް-19 ވެކްސިން ދެ ޑޯޒު ފުރިހަމަ ކޮށްގެން ދާ މީހުންވެސް މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި 14 ދުވަހު ކަރަންޓީން ވާން ޖެހޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް