ކްލަބް ހައުސް ވަނީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް ބޯޑަށް ވައިގަ ހިފާފައެވެ. އެކުވެރިކަން ބަދަހިވެ ހަގީގީ ލޯތްބާވެސް ދިމާވާ ކަމަށް ބައެއް މީހުން ބުނެއެވެ.
އަލީ(އަސްލު ނަމެއް ނޫން) ކްލަބް ހައުސްއަށް ވަނީ ރަށްޓެއްސަކު ބުނެގެންނެވެ. އެއީ ރަށު ގްރޫޕްތަކެއް މެދުގައި ޖެހިގެން އުޅޭ ހަމަނުޖެހުން ގަނޑެއްގެ ޒުވާބެއް އަޑުއަހާލާށެވެ. މިގޮތަށް ވަދެ އުޅުނީ އައިޑީ ކާޑުގައި އިން ފޮޓޯ ޕްރޮފައިލަށް ލައިގެންނެވެ. އެނޫން އަލީގެ ޒުވާންކަން ދައްކުވައިދޭ ފޮޓޯއެއް އަތުގަ ނެތީމައެވެ.
އަލީ ކްލަބްހައުސް ގައި އެކި ގުރޫޕްތަކަށް ވަދެ، އެކި އެކި މީހުންނާ ގުޅުން ބަދަހި ކުރިއެވެ. ސުއިޓީ ޖާން ކިޔާ ކުއްޖަކާ އަލީ ދިމާވީ އެއްރޭ ރައްޓެއްސަކު ޕިން ކުރީމަ ވަތް ގުރޫޕަކުންނެވެ. ސުއިޓީގެ އަޑު އަލީއަށް ވަރަށް ރީތިވެއްޖެއެވެ. ދެމީހުން ޕްރައިވެޓް ވެގެން ވަރަށް ވާހަކަ ދެއްކިއެވެ.
ސުއިޓީ ބުނީ އޭނާ އަކީ އަލިފް ދާލު ކުއްޖެއް ކަމަށެވެ. އަލީއަށް ސުއިޓީ ލަވަނުކިޔަދޭ ރެއެއްގައި އަލީއަށް ނިދަން އުނދަގޫވިއެވެ. މިގޮތަށް ކަންކަންދާތާ މަހަކާ ގާތްވީއެވެ.
އަލީ ހިތަށްއެރީ ވަރަށް އިޝްގީ ގޮތަކަށް ސުއިޓީއަށް ލޯބި ހުށައަޅާށެވެ. އެއްރޭ ދަންވަރު އަލީ އަތިރިމަތީ އިން ހޮޅުއަށީގައި އިށީނީ ފިނި މާހައުލެއްގައި ހަމަޖެހިލައިގެން އިނދެ ޕްރޮޕޯޒް ކުރާށެވެ. ގާތްގަނޑަކަށް 70 ވަރަކަށް މީހުން ތިބި އެ ގްރޫޕްގައި އަލީ ސުއިޓީއަށް ލޯބި ހުށައެޅީ ފަސްޖެހުމެއް ނެތިއެވެ. ސުއިޓީ ގެ ޖަވާބު އިވުމުން އަލީގެ ހިތް އުފަލުން ނަށަން ފެށިއެވެ.
އަލީ ގެއަށް އައީ އޭގެ އަނެއް ދުވަހު ސުއިޓީ ރަށަށް ފުރަން ހިތުލައިގެނެވެ.
އަލީ ހިނގާފައި އައިސް ގެއަށް ރަނގަޅަށް ނުވަދެވެއެވެ. މޫނު މައްޗަށް އެރީ ފައިވާން ކިބައެކެވެ. އަލީ 14 އަހަރު އިނދެގެން އުޅުނު އަނބިމީހާ ހުރި ރުޅިއައިސް ތުރު ތުރު އަޅައަޅައެވެ. ރަޒީ (އަސްލު ނަމެއްނޫން) ވެސް އަލި ލޯބި ހުށައެޅި ގްރޫޕްގައި އިނެވެ. ރަޒީވެސް އަލީ ނެތީމަ ނުނިދިގެން ކްލަބް ހައުސްއަށް ވަދެލީއެވެ.
އަލީއަށް އަލީގެ އަންހެނުން ގެއްލުނީއެވެ. ހެނދުނު އެރި އިރާއެކު ރަޒީ ފޮށިތަންމަތި ހިފައިގެން ޖެހިގެން އޮތް އޭނާގެ އުފަން ރަށަށް ފުރިއެވެ.
އަލީ މާޔޫސްވިހެން ހިއެއް ނުވެއެވެ. އަލީ ސުއީޓްގެ ރަށަށް ފުރިއެވެ. ސުއީޓްގެ ރަށުގައި ހުރި އަލީގެ އެކުވެރިޔާ ގެއަށް އަލީ ދިޔައެވެ. އެރޭގެ ވަގުތެއްގައި ސުއީޓްއަށް ބައްދަލު ކުރަން ގަޑިކިޔާފައެވެ.
އަލީ އެރޭ 8 ޖެހި އިރު ފާލަން ކައިރީ އިން ހަޓު ކައިރިއަށް ދިޔައެވެ. ސުއީޓަށް އިންތިޒާރުކުރާތާ 10 މިނެޓްފަހުން ލޯބި އަޑަކުން އަލީއަށް ގޮވާލިއެވެ. އަލީ ފަހަތް ބަލާލިއިރު ހުރީ 50 މަތިވެފައިވާ ޖުއްބާ އެއް ލައިގެން ހުރި އަންހެނެކެވެ. 35 އަހަރުވެސް ނުވާ އަލީ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
އަޑު ދެކެ ލޯބިވީ އިރު މީހާއަކީ ކާކު ކަމެއްވެސް ނުބަލައެވެ. އަލީއަށް ލޯބިވެވުނީ ހުވަފަތްވެފައިވާ 7 ދަރިންގެ މަންމައެއް ދެކެއެވެ. އަދި ބައްޕައަކަށް ވުމުގެ ކުރިން އަލީއަށް ދޮން ކާފަ ކިޔާނެ 18 މާމަ ދަރިންވެސް ސުއީޓްގެ ހުރެއެވެ.
އަނެއް ދުވަހު އަލީ ރަށަށް ފުރައިގެން އައި ލަދުވެތި މޫނަކާއެކު މާޔޫސްވެ ހުރެއެވެ. ހަލާކުވެގެން ދިޔައީ އަލީގެ ދިރިއުޅުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް