މާލެ ސަރަހައްދުގެ 39 މިސްކިތެއްގައި ބޮޑު އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި ކޯވިޑް-19 ފެތުރެމުންދާތީ މި އަހަރުގެ އަލްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރުމަށް އެ މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެކަމަކު، ކޯވިޑް-19 ގެ ހާލަތު ކުރިއަށް ވުރެ ރަނގަޅުވެފައިވާތީ އީދު ނަމާދު މިސްކިތްތަކުގައި ކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރުމަށް ނިންމާފައިވީ ނަމަވެސް، ކޮވިޑު ފެތުރިފައި ނެތް ރަށްރަށުގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވަން އެދެފިނަމަ އެ ހުއްދައެއް ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.
މާލެ ސަރަހައްދުގައި ކޮވިޑްގެ އިންތިހާއަށް އިތުރުވުމާއި ގުޅިގެން މެއި މަހުގެ 26 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއިން ވަނީ މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އަންގައިފައެވެ. ނަމަވެސް މިދިޔަ ޖޫން މަހު ދިން ލުއިތަކާއެކު އަނެއްކާވެސް ވަނީ ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދީފައެވެ.
ބޮޑު އީދު ނަމާދު ކުރުމުގައި އެޗްޕީއޭން ކަނޑައަޅަފައިވާ އުސޫލާ އެއްގޮތަށް އަމަލުކޮށް ޖަމާއަތުގައި ނަމާދު ކުރުމުގައި ގައިދުރުކަން ބެހެއްޓުމަށާއި މިސްކިތަށް ދާއިރު މާސްކް އަޅައިގެން ތިބުމަށާއި އަމިއްލަ މުސައްލަ ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް