ހިސާންގެ ބިލު ފާސްނުކުރުމުން އެމްޑީޕީގެ "އަންހެނުންގެ ރޫޙުން" ނުރުހުންވެއްޖެ

މެމްބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލު ދިފާއު ނުކޮށް، މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވައި އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނ...

19 Jul 2021 | 06:25

މެމްބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލު ދިފާއު ނުކޮށް، މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވައި އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ ޕާޓީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް އެމްޑީޕީގެ "އަންހެނުންގެ ރޫހުން" ބުނެފިއެވެ.

"އަންހެނުންގެ ރޫހުން" ެނެރުނު ބަޔާނެއްގައި ރާއްޖެއަކީ އަމާން ވެއްޓެއް ޤާއިމުވެފައިވާ ތަނަކަށް ހެދުމަށްޓަކައި، ވަގުތީ ސިޔާސީ މަންފާއަށްވުރެ ރައްޔިތުންގެ އަސަސީ ޙައްޤުތައް ހިމާޔަތްކުރުން އިސްކޮށް، މި ޕާޓީއިން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ހަލުވިކުރުމަށާއި، އެމްޑީޕީގެ އަސާސްތަކަށް ސަރުކާރުން އިޙްތިރާމްކޮށް އެމްޑީޕީގެ މައިގަނޑު އަސާސްތައް ދިފާޢު ކޮށްދެއްވުމަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން ޕާޓީއަކީ އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއްނޫން ކަމަށް ބުނެފައިވެއެވެ. އަދި، ޤާނޫނުއަސާސީން ލިބިފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން ޕާޓީން އަބަދުވެސް ޤަބޫލުކުރާނެ ކަމަށާއި، ރައްޔިތުންގެ ހިތްތަކުގައި ބިރިވުރިކަން އުފައްދައި، ޤައުމު ނުރައްކަލަށް ވައްޓާލުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލައި އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ޤައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރުމަކީ އަންހެނުންގެ ރޫޙުން ކަންބޮޑުވާކަމެއް ކަމަށް ބުނެފައިވެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދު އަދި އުނގޫފާރު ދާއިރާގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ އަނިޔާވެރިގޮތަކަށް މަރާލާއި، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާ ހަމައަށް ކަންކަން ދިޔައީ، ރޭވުންތެރިކަމާއެކު ބަޔަކު އެމީހުންގެ ބޮލުގައި ވަކި ‘ލޭބަލް’ ތަކެއް އަޅުވައި، އެމީހުންނާމެދު މުޖުތަމަޢުގައި ނަފްރަތު އުފައްދައިގެންކަން ސާފުކޮށް ފެންނަން އޮތްއިރު، އެމްޑީޕީގެ ވައުދުތަކާ އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤާނޫނުލްއުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލު ފާސްކޮށް، ވަކިވަކި ފަރުދުންނާމެދު ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދައިގެންކަން އަންހެނުންގެ ރޫހުން ޤަބޫލުކުރާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް