މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.
ސިޓީ ކައުންސިލުން ބުނީ، ގޮޅިތަކަށް އެދުމުގެ މުއްދަތު އިތުރުކުރީ، ގޮޅިއަށް އެދުމުގައި ހުށަހަޅަންޖެހޭ ޓެކްސް ދެއްކި ކަމުގެ ލިޔުން ހޯދުމަށް އެކަށީގެންވާ މުއްދަތެއް ކުރީގެ އިޢުލާނުން ދެވިފައިނުވާތީ ގިނަ ފަރާތްތަކަކަށް ދަތިތަކާ ކުރިމަތިވަމުންދާތީ ކަމަށެވެ.
މާރުކޭޓްތަކުން މި ފަހަރު ހުޅުވާލައިފައިވަނީ ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅިއެވެ. ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާ ވިއްކުމަށް ޚާއްޞަ 100 ގޮޅިއާއި، ވަޅޯމަސް ވިއްކުމަށް ޚާއްޞަ 32 ގޮޅިއާއި، ލުއިކާނާއާއި ސޮފްޓް ޑްރިންކްސް ވިއްކުމަށް ޚާއްޞަ 35 ގޮޅިއާއި، ” ގަޑިކަމަރު ވިއްކުމަށް ޚާއްޞަ 19 ގޮޅިއެވެ.
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއް ކުއްޔަށް ދިނުމަށް ނިންމާފައި ވަނީ އަކަފޫޓަކަށް މަހަކު 31.25 ރުފިޔާގެ ރޭޓުންނެވެ. އޭރުން އެންމެ ބޮޑު ގޮޅިއަށް ޖެހެނީ 2،000 ރުފިޔާ އެވެ. ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.
މާރުކޭޓޫގައި ގޮޅި ހިންގި މުއްދަތު ގުނަން މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ގޮޅިތަކުގެ ގުރުއަތުގައި ބައިވެރިވެވޭނީ 50 ޕޮއިންޓުން މަތިން ލިބޭ މީހުންނަށެވެ.
ސިޓީ ކައުންސިލުން ބުނީ، މާރުކޭޓް ގޮޅިތައް އަލުން ކުއްޔަށް ދިނުމަށް ހުޅުވާލީ މިހާރު ހުރި ގޮޅިތައް ދޫކުރި މުއްދަތު ހަމަވެފައިވާތީކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް