އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ލީޑަރ މައުމޫން އަބްދުލް ޤައްޔޫމް އަންގަވައިގެން ނޫން ކަމަށް ދާދި ފަހުން އެމްއާރްއެމް އިން ވަކިވެވަޑައިގެން އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އަބްދުﷲ ކަމާލުއްދީން މިހެން ވިދާޅުވީ "ސަންގު ޓީވީން" ގެނެސްދިން ޕްރޮގުރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ގައުމީ އެއްބައިވަންތަ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައެޅުއްވުމުން ފުރަތަމަ ފަހަރު ވަނީ ފޯމް ބާތިލުކޮށްފައެވެ. ސަބަބެއް ކަމަށް އީސީ އިން ބުނީ އޭނާއަކީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވާތީ ޝަރުތު ހަމަނުވުމެވެ،
އެހެންކަމުން އެމްއާރްއެމް އިން ރަސްމީކޮށް ވަކިވެވަދައިފެން އޭނާ ވަނީ ދެވަނަ ފަހަރަށް ފޯމް ހުށަހަޅުއްވާފައެވެ.
ކަމާލުއްދީން ވިދާޅުވީ އޭނާ އުފައްދަވާ ޕާޓީއަކީ ރައީސް މައުމޫން އަންގަވައިގެން އުފައްދަވާ ޕާޓީއެއް ނޫން ކަމަށެވެ. އެއީ އާ ސިޔާސީ ފަލްސަފާއެއް ރާއްޖޭގައި އުފެދެން ޖެހިއްޖެ ކަމަށް ގަބޫލު ކުރެވިގެން އުފައްދަވަން ނިންމެވި ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ގޮތުން މައުމޫންއާ ދުރަށްޖެހިވަޑައިގެން ނަމަވެސް، މައުމޫންގެ ވެރިކަން ފެށުނީއްސުރެން ނިންމެންދެން ސަރުކާރުގެ އެކި މަގާމުތައް ފުރުއްވަމުން އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރެއްވި ކަމާލުއްދީން ވިދާޅުވީ ދެ ބޭފުޅުންގެ މެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
ކަމާލުއްދީން ވިދާޅުވީ އޭނާގެ އަމާޒަކީ އާ ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރެވި، ގިނަ އަދަދެއްގެ މެންބަރުން އެ ޕާޓީއަށް ގެނެސްގެން ޕާޓީ ބޮޑުކުރުމެވެ. އަދި 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރުމެވެ. ކެންޑިޑޭޓަކު ކަނޑައަޅާނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް