ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން އިލެކްޝްންސް ކޮމިޝަނުން ނިންމައިފި އެވެ.
ބައި އިލެކްޝަން ބާއްވަން ނިންމާފައިވަނީ ތުލުސްދޫ ދާއިރާ، ދިއްދޫ ދާއިރާ އަދި މަޑުއްވަރީ ދާއިރާ އާއި ވިލިނގިލި ދާއިރާ އެވެ. އިސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ)، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެން ހުސްވެފައިވާ ކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ ކަމަށެވެ.
ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްދޫތީ މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން މިިދިިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ އެ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށެވެ.
އީސީގެ އިއުލާނުގައި ބުނެފައިވަނީ އެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލުނީ ޕީޕީއެމްގެ ދަފްތަރުން އެ މެންބަރުންގެ ނަން އުނިކޮށްދިނުަމަށް އެ ޕާޓީން އިއްޔެ އެދުމާއި ގުޅިގެން އެކަން ނިންމާ އެ ކޮމިޝަނުން ރޭ މަޖިލީހަށް އެންގުމުންނެވެ. ބައި އިލެކްޝަން ބާއްވަން ނިންމިކަން ހާމަ ނުކުރި ނަމަވެސް ބާއްވާނެ ތާރީހަކާއި އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
މި ހަތަރު މެންބަރުންނަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ސޮއި ކުރެއްވި ޕީޕީއެމްގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ މެންބަރުންނެވެ. އެ މެންބަރުން ޕީޕީއެމްއިން ވަކި ކުރީ އެ މައްސަލައިގަ ސުލޫކީ ކޮމިޓީން ބެލި މައްސަލައަކަށް ފަހު އެވެ.
އެކަމަކު މި ހަތަރު މެންބަރުންނާއި އެ މައްސަލައިގަ ސޮއި ކުރެއްވި ޕީޕީއެމްގެ މެންބަރުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އެހެންވެ އެ މެންބަރުން ވިދާޅުވަމުން ގެންދަވަނީ އެ ބޭފުޅުންގެ ގޮނޑި ނުގެއްލޭނެކަން ސުޕްރީމް ކޯޓުގެ ހުކުމުން އެނގޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް