ރާއްޖެ، ކޮމަންވެލްތުން ވަކިވުމާއި ގުޅޭގޮތުން، ކުއްލި މައްސަލައެއް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރު ހިންގާ ކޯލީޝަންގެ ޕާލަމެންޓަރީ ގްރޫޕްގެ މެމްބަރުންނާއި ދައުލަތުގެ ބައެއް ވަޒީރުން މިއަދު ނިންމައިފި އެވެ.
މިގޮތަށް ނިންމީ މީގެ ކުޑަ އިރުކޮޅެއް ކުރިން މުލިއާގޭގއި ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ކޯލީޝަންގެ މަޖިލިސް މެމްބަރުންނާއި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އިތުރުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލްވެސް ބައިވެރިވެވަޑައިގަތެވެ.
މުލިއާގޭގައި ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އެ ބައްދަލުވުމުގައި ކޮމަންވެލްތު މައްސަލައާ މަޝްވަރާ ކުރެވުނުނަމަވެސް އެކަމާމެދެ އަދި ވަކިގޮތެއް ނުނިންމަވާކަމަށެވެ. އަދި މެމްބަރުން ދެކޭގޮތް ހާމަވާނީ މާދަމާ މަޖިލީހުގެ ޖަލްސާގައި ކަމަށް ނިހާން ވިދާޅުވި އެވެ.
މި މައްސަލަ މާދަމާގެ މަޖިލީހަށް ހުށަހަޅާއިރު މި މައްސަލައިގާ ވަޒީރުންގެ މަޖިލީހުގައި ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ކޮމަންވެލްތުން ރާއްޖެ ވަކިވާން ވިސްނަމުންދާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް