ޖިންސީ ގޯނާކުރާ މީހުންގެ މައްޗަށް އިންޓަޕޯލް "ގްރީން ނޯޓިސް" ނެރެން ފަށައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައްޗަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިންޓަޕޯލް "ގްރީން ނޯޓިސް" ނެރެން ފަށައިފިއެވެ. އިންޓަރޕޯލް ގްރީން ނޯޓިސްއަކީ އާންމު ސަލާމަތަށް ނުރައްކާވެދާނެ ފަރާތްތަކާ ...

19 Jun 2025 | 11:55

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައްޗަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިންޓަޕޯލް "ގްރީން ނޯޓިސް" ނެރެން ފަށައިފިއެވެ.

އިންޓަރޕޯލް ގްރީން ނޯޓިސްއަކީ އާންމު ސަލާމަތަށް ނުރައްކާވެދާނެ ފަރާތްތަކާ ބެހޭގޮތުން، ހާއްސަކޮށް އެމީހެއްގެ ކުށުގެ ރެކޯޑަށް ނުވަތަ ޝައްކުކުރެވޭ ކުށުގެ އަމަލުތަކާ ގުޅިގެން މެމްބަރު ގައުމުތަކަށް އިންޒާރު ދިނުމަށް ބޭނުންކުރާ ނިޒާމެކެވެ.

ފުލުހުން މިއަދު ބުނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން، އާންމުކޮށްފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމައަށް ދޫކޮށްލާފައިވާ މީހުންގެ މައްޗަށް އިންޓަޕޯލް މެދުވެރިކޮށް "ގްރީން ނޯޓިސް" ނެރެފައިވާ ކަމަށެވެ.

މިގޮތުން، މިހާތަނަށް 43 މީހެއްގެ މައްޗަށް ގްރީން ނޯޓިސް ނެރެފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި، 18 ބިދޭސީންނެވެ.

ފުލުހުން ބުނީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެފަދަ ކުށްކުށަށް އަރައިގަންނަ މީހުންގެ މައުލޫމާތު ކަމާ ގުޅޭ އެންމެހާ ފަރާތްތަކާ ހިއްސާކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މި މައުލޫމާތު ބައިނަލްއަގުވާމީ ފެންވަރުގައި ހިއްސާކުރުމުން އެފަދަ މީހުންގެ ހަރަކާތްތައް އެހެން ގައުމުތަކުންވެސް ބަލައި، ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން މިފަދަ މީހުންނަށް ވަޒީފާ ދިނުމުގައި ރިއާޔަތްކުރަންޖެހޭ ހާއްސަ ކަންތައްތަކާ ގުޅޭ މައުލޫމާތުތައް އެ ގައުމުތަކަށް ލިބޭނެ ކަމަށެވެ.

މިގޮތުން އެއް ގައުމެއްގައި މިފަދަ ކުށުގެ އަމަލެއް ހިންގުމަށްފަހު އެހެން ގައުމަކަށް ގޮސް ވަޒީފާއަށް އެދޭ ހާލަތްތަކުގައިވެސް އެމީހެއްގެ މައްޗަށް ގްރީން ނޯޓިސްއެއް ނެރެފައިވާނަމަ ކުޑަކުދިންނާ ގުޅުން އޮންނަ ދާއިރާތަކުގެ ވަޒީފާތައް ދިނުން ހުއްޓުވައި، އެފަދަ މީހުންގެ ހަރަކާތްތައް މޮނިޓަރ ކުރުމަށް ފުރުސަތު ލިބޭނެކަމަށް ފުލުހުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް