ގިނަ އަދަދެއްގެ ދިވެހިން އެތައް މިލިޔަން ޑޮލަރަކުން އިންވެސްޓްކޮށްފައިވާ ޖެމްކިއު ވުޖޫދުން ގެއްލެން އުޅޭކަމުގެ ބިރު ހީވެފައިވާއިރު ޖެމްކިއުއާއި ގުޅުންހުރި ބައެއް އެކައުންޓްތަކުގައި 25 މިލިޔަން ޑޮލަރު (400އެއްހާ މިލިޔަން ރުފިޔާ) ހުރިކަން އެނގިއްޖެއެވެ.
ޖެމްކިއު އިން އާންމުންނަށް އިންވެސްޓްކުރަން ދޭ އެކައުންޓުން ފެށިގެން ދުވަހުން ކުރިއަށްގެންދިޔަ ޓްރޭސިންގ އިން ފާހަގަވި ގޮތުގައި ފާއިތުވި 48 ގަޑިއިރެއްހާއިރު ތެރޭގައި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފަންޑު މޫވް ކުރަމުންގޮސް ޖުމުލަ ހަ އެކައުންޓެއްގައި 25 މިލިޔަނަށްވުރެ ގިނަ ޓެދަރ އެއްކޮށްފައި އެބަހުއްޓެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 400 މިލިޔަނެއްހާ ދިވެހި ރުފިޔާއެވެ.
ޖެމްކިއުއިން ފައިސާ ނެގޭނެ މަގު އެ ފަރާތުން މިހާރު ބަންދުކޮށްފައިވާއިރު އަދި ފޭކު ލިޔުމެއް ހިއްސާކޮށް އެމެރިކާއިން މައްސަލަ ބަލަނީ ކަމަށް ޖެމްކިއުއިން ބުނެ މިހާރުވެސް ދެ ޕްރޮމޯޝަނެއް ކުރިއަށްގެންދާއިރު މިއަދުވެސް އަދި މިހާރުވެސް ދިވެހިންގެ ބަޔަކު އެއަށް އިންވެސްޓް ކުރަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ. އެގޮތުން ފާއިތުވި ފަސް ވަރަކަށް ގަޑިއިރުގެ ތެރޭގައި އެކަނިވެސް ލައްކައެއްހާ ޔޫއެސްޑީޓީ އިންވެސްޓްކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 217 ޑޮލަރު އިންވެސްޓް ކުރުމުން ފަސް ގުނަ ލިބޭކަމަށް އިސްތިހާރުކޮށްލުމާއެކު އިންވެސްޓްކުރި 75 ހާހެއްހާ ޑޮލަރާއި އަދި 117 އިންވެސްޓް ކުރުމުން 10 ގުނަ ބޯނަސް ލިބޭނެކަމަށް އިސްތިހާރު ކޮށްލުމުން އިންވެސްޓްކޮށްފައިވާ 25 ހާހެއްހާ ޑޮލަރެވެ.
ޖެމްކިއުއަކީ ޕިރަމިޑް ސްކީމެއްކަން ދެނެގަނެވިފައިވާކަން މީގެ ތިން ދުވަސް ކުރިން ދިވެހި ފުލުހުން ހާމަކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް