ހުމޭޒާ ހިނގައްޖެއެވެ. ނޫރާ އިންދިމާލަށް ހަމްޒާ ބަލާލިއެވެ. ސިއްރުންނެވެ. ނޫރާ އިސްޖަހައިގެން އިނދެ ރޮނީއެވެ. އެ ރީތި ދެއަތްތިލައިން މޫނު ނިވާކޮއްލައިގެން އިނދެ ގިސްލަނީއެވެ. ހިތްދަތިކަމުގެ އިންތިހާއެވެ. ހާދަހާވާ ހިތްދަތި މަންޒަރެކެވެ. ހަމްޒާގެ ހިތަކަށް ކެތެއް ނުވިއެވެ. އެހިތުގައި ޖަހަމުންދިޔަ ވިންދު އަވަސްކުރުވައިފިއެވެ. ހިތުގައި އުފެދުނު ހަމްދަރުދީގެ ސަބަބުން އެހިތް މަޑުވެއްޖެއެވެ. ކުލުނާ ލޯބީގެ ޖަޒުބާތުން އެ ހިތް ފުރިއްޖެއެވެ. ނޫރާއަށްޓަކައި ހަމްޒާގެ ހިތުގައި އޮތް ލޯބި، އޭނާގެ ހިތާ ސިކުނޑީގެ މައްޗަށް ގަދަވެގެންފިއެވެ.
''ނޫރާ........'' ހަމްޒާގެ ދެތުންތަފް ހަރަކާތްކުރީ ބޭއިޚްތިޔާރުގައެވެ. އެހެންނަމަވެސް އަނގައިން ބޭރުވީ އާހެކެވެ. ނޫރާއަށް ގޮވާލެވުނީ އޭނާގެ ހިތާހިތުންނެވެ. އޭނާގެ އަޑު ބޭރުނުވިކަން ނަސީބޭ ހިތަށްއެރިއެވެ.
އެތައް އިރަކު ރުއިމަށްފަހު ނޫރާ މޫނުމަތިން ދެއަތް ނެގިއެވެ. ދަބަހުގައި އޮތް ޓިޝޫ ޕެކެޓް ނެގުމަށްފަހު ދެލޮލާ މޫނު ސާފުކޮއްލިއެވެ. ވަށައިގެން ބަލާލިއެވެ. ތަންކޮޅެއް ދުރުގައި ތިބި މީހުން އޭނާއާ ދިމާއަށް ބަލަން ތިބިހެން ހީވުމުން ނޫރާ ކަންބޮޑުވާގޮތް ވިއެވެ.
ނޫރާ އިންތަނުން ތެދުވިއެވެ. މަޑުމަޑުން ހިނގައިގެންފިއެވެ. ހަމްޒާ ހުރިދިމާލަށެވެ. ހަމްޒާގެ ހިތް އޮބިނޯންނަވަރަށް ތެޅެންފެށިއެވެ. ނޫރާއަށް ހަމްޒާ ފެނިދާނެތީ އޭނާ ކަންބޮޑުވިއެވެ. އެތަނުގައި ބަހައްޓާފައިހުރި ބޯޑުފިޔަވައި އެހެންތަނެއް ނިވާވެލާކަށް ނެތެވެ. ހަމްޒާ އަދިވެސް ބޮޑަށް އެ ބޯޑާ ކައިރިއަށް ޖެހިލިއެވެ. މޫނުމަތީގައި އަޅާފައިވާ މާސްކު ރަނގަޅުކޮއްލިއެވެ. ނޫރާއަށް ފެނުނަސް އެއީ ހަމްޒާކަން ނޭނގޭވަރަށް އޭނާގެ މޫނު ފޮރުވަން އޭނާ ބޭނުމެވެ.
''ހަ.......ހަލޯ......... '' ހަމްޒާގެ ނުހަނު ގާތުން ނޫރާގެ އަޑު އިވުނެވެ. ހަމްޒާ ހުއްޓިހުރި ބޯޑުގެ އަނެއްފަރާތުން ނުހަނު ކައިރިންނެވެ. މިވަގުތު ހަމްޒާއާ ނޫރާއާ ދެމަދުގައި ވަނީ ހަމައެކަނި ތުނި ފިލައެއްގެ ހުރަހެކެވެ. ނޫރާއަށް އެކަން ނޭނގުނަސް ހަމްޒާގެ ހިތް ނެގިނެގިފައި ޖެހޭވަރުން ހީވަނީ މޭ ފަޅާލާފައި ބޭރަށް ނުކުމެދާނެ ހެންނެވެ. ވާނީވެސް އެހެންތާއެވެ. އޭނާގެ ނުހަނު ގާތުގައި އެހުރީ ހިތާފުރާނައިން ލޯބިވެވުނު އަންހެންކުއްޖާއެވެ. ހަމްޒާގެ ހިތް އެމީހަކަށްޓަކައި ވަގުފު ކުރެވުނު ކުއްޖާއެވެ. ތަޤްދީރު އެދެމެދަށް ހުރަސްކުރި ފާރުގެ ނިވަލުގައި މުޅި ޙަޔާތް ވޭތުކުރަން ޖެހުނަސް، އެހެން އެއްވެސް އަންހެނަކަށް ހަމްޒާގެ ހިތަކުން ޖާގައެއް ނުދެވޭނެއެވެ. ހިތަށް ވެރިވި ހިތްދަތިކަމުގައި ހަމްޒާ ލޯމަރާލިއެވެ.
''ކަމަކު ކިޔަންވެގެން މިގުޅާލީ.........'' ނޫރާގެ ނިޔަނެތި އަޑު ހަމްޒާގެ ހިތުގެ އެންމެ ހިމަނާރުތަކާ ކުޅެލިއެވެ.
''ބުނޭ........ ނޫރާ ބުނި ކޮންމެ ކަމެއް އަހަރެން ކޮއްދޭނަން....... އަހަރެން ދުނިޔޭގަ ހުރިހާ ދުވަހަކު ނޫރާއަށް އެއްވެސް ކަމެއް ދަތިވިޔަކަ ނުދޭނަން.......'' ހަމްޒާގެ ހިތާހިތުން ނޫރާއަށް ޖަވާބު ދިނެވެ. އެގޮތަށް، ނޫރާގެ ކުރިމަތީގައި ހުރެ، އަމިއްލަ ދުލުން ބުނަން ކިތަންމެހާވެސް ބޭނުމެވެ. އެހެނަސް މިއަދު އެފުރުސަތެއް އޭނާއަކަށް ނެތެވެ.
''ހުމޭ........ މިތަނުން ބޯފެންފޮދެއް ލިބޭނީ ކިހާހިސާބަކުންކަމެއް ނޭނގުނު........ ވަރަށްބޮޑަށް ފެންބޮވައިގެންފި......... އަލުން ވޯޑަށް ދާންވެސް ވަރަށް ވަގުތު ނަގާނެ...... ހުމޭ ކޮއްކޮ ލައްވާ ވިޔަސް އަހަންނަށް ފެންފުޅިއެއް ލިބޭގޮތް ހަދައިދެވޭނެތަ...... ވަރަށް ދެރަވޭ މިހެން ކަންތަކު ކިޔަންވެސް........'' ނޫރާގެ އަޑުގައިވަނީ އިންތިހާ ކަންބޮޑުވުމާ މަޑުމޮޅިކަމެވެ. ހަމްޒާ ލޯ ހުޅުވާލިއެވެ.
''ނޫރާ އެބުނީ ހަމްޒާގެ ވާހަކަ ހެއްޔެވެ؟........ ނޫރާއަށް ހުރިހާ ކަމެއްވެސް އެނގެނީބާ؟........ ތުއްތަ އަހަރެންވާހަކަ ނޫރާ ގާތު ބުނީހެއްޔެވެ؟......ނުބުނާނަމަ ނޫރާއަށް އެހެން ބުނާކަށް ނޭނގޭނެއެވެ..........'' ހަމްޒާ ވިސްނާލިއެވެ. ވަގުތުން ފޯނުނެގީ ހުމޭޒާއަށް މެސެޖް ކޮއްލުމަށެވެ. އެވަގުތު ހަމްޒާގެ ފޯނު ވައިބުރޭޓްވާން ފެށިއެވެ. ގުޅަނީ އޭނާގެ ތުއްތައެވެ. ކޯލަށް ޖަވާބު ދޭން ހަމްޒާ ނުހަނު ބޭނުމެވެ. އެކަމަކު ނޫރާއަށް އޭނާގެ އަޑު އިވިދާނެތީ ފަސްޖެހެވުނެވެ.
ހަމްޒާ އަކަށް ހަދަންވީ ގޮތެއް ނޭނގުނެވެ. އެތަނުން ދުރަށްޖެހިލާތަނުން ނޫރާއަށް އޭނާ ފެނިދާނެތީވެސް ވިސްނަން ޖެހެއެވެ. އަނެއްކޮޅުން ތުއްތަގެ ކޯލަށް ޖަވާބުދޭންވެސް އޭނާ ބޭނުމެވެ. ނޫރާއަށް ބޯފެން ގެނެސްދޭންވެސް ބޭނުމެވެ. ހަމްޒާ ވިސްނަންހުއްޓާ ކޯލު ކެނޑުނެވެ. ހިތްވަރުކޮށްފައި ހަމްޒާ ކުރިއަށް ހިގނގައިގަތެވެ. ކުރިއަށް ދިޔައީ ނޫރާއަށް ނުފެންނާނޭހެން ބޯޑާ ނިވާވާގޮތް ބަލައިގެންނެވެ.
''ތުއްތާ.......... '' ހަމްޒާ ފޯނު ކައްފަތުގައި ޖައްސާލަމުން ގޮވާލިއެވެ.
''ހަމްޒާ........ ކޮންތާކު؟...... ނޫރާ ހުރީ ވަރަށްބޮޑަށް ފެންބޮވައިގެންފަ.......... ހުމައިރާވެސް އޮތީ ނިދާފަ....... އެކަނި ބާއްވާފަ ނުކެރޭނެ ނިކުންނާކަށް...... ކިހިނެއް ހަދާނީ؟..........'' ހުމޭޒާ އެއްނޭވާއިން ހުރިހާ ވާހަކައެއް އަމުނާލިއެވެ.
''ތުއްތަ އަހަރެންގެ ވާހަކަ ނޫރާ ގާތު ބުނީތަ؟.........'' ހުމޭޒާ ދެއްކި ވާހަކައަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ހަމްޒާ ކުރީ ސުވާލެކެވެ.
''ނުބުނަން.........'' ހުމޭޒާ އަވަސް އަވަހަށް ބުނެލިއެވެ. ހަމްޒާ ހިތްހަމަ ނުޖެހިދާނެތީ ހުމޭޒާ ޖެހިލުންވިއެވެ.
''ނޫރާ ބުންޏެއްނު........ ހުމޭގެ ކޮއްކޮ ލައްވާ ފެންފުޅިއެއް ގެންނާށޭ............ އަހަރެން އަޑުއެހީމޭ ހުރިހާ ވާހަކައެއް........... ތުއްތަވެސް ބައްޕަމެންހެން އަހަންނަށް ދޮގުހަދަނީތަ؟........ ދޮގު ނުހަދައްޗޭ........ ނޫރާއާ ބެހޭގޮތުން ހަދާ އެންމެ ދޮގެއްވެސް އަހަންނަށް ބަރުދާސްތު ނުކުރެވޭނެކަން ހަނދާންކުރާތި.......'' ހަމްޒާގެ އަޑުގައި ހަރުކަށިކަން އެކުލެވިފައިވެއެވެ.
''ދޮގެއް ނުހަދަމޭ........ އަހަރެން ބުނިން ރޭގަ ނޫރާ ނިދަން ދާއިރު އަހަރެންގެ ކޮއްކޮއެއް ވޯޑުގަ ބަހައްޓާނަމޭ........ ހަމްޒާ ކަމެއް ނޭނގޭނެ......... އަހަރެން ބުނީ ކިޔަވަން ހުއްނަ ތިމާގެ ކުއްޖެކޭ........ އެވާހަ ނޫރާ އެދައްކަނީ.......'' ހުމޭޒާ ނިކަން އަވަހަށް އޮޅުންފިލުވައިދިނެވެ.
''ދެން ކިހިނެއް ހަދާނީ....... '' ހަމްޒާ އެއްވެސް އެއްޗެކޭ ނުބުނުމުން، ހަމްޒާ ހިތްހަމަ ނުޖެހުނީ ކަމަށް ހީވެހުމޭޒާ ޖެހިލުންވާގޮތް ވިއެވެ.
ހުމޭޒާއަށް އިތުރަށް އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ހަމްޒާ ފޯނު ކަނޑާލިއެވެ. އަދި ލިފުޓް ހުޅުވޭނެ އިރަކަށް އިންތިޒާރު ކުރަންފެށިއެވެ.
********
''ނޫރާ.......... މޭމް........'' ދަތްދޮޅީގައި އަތްވިއްދާލައިގެން އިން ނޫރާ ސިހުނީ އޭނާގެ ނުހަނު ގާތުން މީހަކު ގޮވާލުމުންނެވެ. އެއީ ހޮސްޕިޓަލުގެ ސްޓާފެކެވެ. އޭނާއަތުގައި އޮތީ ކޮތަޅެކެވެ.
ނޫރާ ބަލާލުމުން އަތުގައި އޮތް ކޮތަޅު ނޫރާއާ ދިމާއަށް އޭނާ ދިއްކޮއްލިއެވެ. އަދަބުވެރިކަމާއެކުގައެވެ.
''ތެންކިޔޫ.........'' ނޫރާ އެމީހާގެ މޫނަށް ބަލާލަމުން ޝުކުރު އަދާކުރިއެވެ. އެމީހާ ހިނިތުންވެލަމުން އެނބުރި އައިކޮޅަށް ހިނގައިގަތެވެ.
ނޫރާ ކޮތަޅު ހުޅުވާލިއެވެ. އޭގައި ހުރީ ކާއެއްޗިއްސާ ފެނެވެ. ނޫރާ ފެންފުޅި ނަގައިގެން ފެންފޮދެއް ބޯލިއެވެ. ހުމޭޒާއަށް ޝުކުރު އަދާކޮށް މެސެޖެއް ފޮނުވާލިއެވެ.
ވަގުތުތައް ފާއިތުވަމުންދާ ވަރަކަށް ނޫރާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. އޮޕަރޭޝަންގައި ހޭދަވާނެކަމަށް ބުނި ހަގަޑިއިރުވެސް ފާއިތުވެ ދިޔައީއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެއޭ ހީވެ ހިތަށް ބިރުވެރިކަން ވަދެ މުޅި މީހާ ދާހިއްލަންފެށިއެވެ. އެކަނިމާއެކަނި އެތަނުގައި ނޫރާ އެ ހޭދަކުރަނީ ހާދަހާ ހިތްދަތި ވަގުތު ތަކެކެވެ. އަނެއްކޮޅުން ހުމައިރާ ބޮޑާހާކާ ރޮއެފާނެތީވެސް ވިސްނެނީއެވެ.
ހަމްޒާ އިނީ ތިއޭޓަރުގެ ނޫރާ އިން ހިސާބާ ތަންކޮޅެއް ދުރުގައި ތިބި މީހުންގެ ތެރޭގައެވެ. އޭނާ އެތަނުގައި އިށީނީ ނޫރާ ފާހާނާ ހުރިބަޔަށް ދިޔަ ވަގުތުބަލާފައެވެ. ބޮލާ މޫނުވެސް ނިވާކޮށްގެން އޭނާ އެއިނީ އަވިއައިނުވެސް އަޅައިގެންނެވެ. ނޫރާގެ ކޮންމެ ޙަރަކާތެއް އޭނާ ބަލަމުންދިޔައެވެ. ނޫރާގެ ނުތަނަވަސްކަމާ ހާސްކަން އޭނާއަށް ތަސައްވަރު ކުރެވެއެވެ. ކަންބޮޑުވެ ދެރަވެފައިވާ މޫނުން މާޔޫސްކަން ނޫން އެއްޗެއް ހަމްޒާއަކަށް ނުފެނެއެވެ.
އެތައް ވަގުތެއް ފާއިތުވުމަށްފަހު ނޫރާ ކުރަމުންއައި އިންތިޒާރަށް ނިމުން ގެނުވިއެވެ. ތިއޭޓަރގެ ދޮރު ހުޅުވާލުމަށްފަހު ނުކުތް ނަރުސްކުއްޖާ އެ އަންނަނީ ނޫރާއާ ދިމާއަށެވެ.
''އޮޕަރޭޝަން ކާމިޔާބު........ ބަލިމީހާ ސްޓޭބަލް ވީމަ ރޫމަކަށް ބަދަލުކުރާނެ .........'' އެކުއްޖާ ނޫރާއަށް އޮޅުންފިލުވައިދިނެވެ.
ނޫރާ އުފާވިއެވެ. ހިތަށް ހަމަޖެހުން ލިބުނެވެ. ޝުކުރެވެރިކަމާއެކު ނަރުސް ކުއްޖާއާ ދިމާއަށް ނޫރާ ބަލާލިއެވެ. އަދި އެ ޚަބަރު އާއިލާއަށާ ހުމޭޒާއަށް އަންގާލިއެވެ.
*******
އެދުވަހުގެ އިރާކޮޅުގެ ވަގުތެވެ. ލަޔާލް ޚާއްސަ ރޫމަކަށް ބަދަލު ކުރިއެވެ. އެހެން މީހުނާ މުޅިން އެކަހެރިކޮށް އޮވެވޭގޮތަށް ހަދާފައިވާ ރޫމެކެވެ. ކުއްލިފަރުވާއާ ޚާއްސަ ހާލަތްތަކާ ގުޅޭ އެންމެ ޒަމާނީ ފަރުވާދެވޭގޮތަށް އެތަން ވަނީ ފަރުމާކޮށްފައެވެ.
އޮޕަރޭޝަން ކާމިޔާބު ވިޔަސް، އޭނާގެ ހާލު ރަނގަޅެއް ނޫނެވެ. އަނގައިންނާ ނޭފަތުން އަންނަ ލޭ މަނާވާގޮތެއް ނުވިއެވެ. އެކަމަށްޓަކައި އެތަކެއް ފަރުވާއެއް ކުރެވެމުންދިއުމާއެކުވެސް ދޭތެރެ ދޭތެރެއިން ލޭ އާދެއެވެ. ލަޔާލްގެ މުޅި މޫނު ވެސް ވަނީ ދުޅައެވެފައެވެ. ލޯ ހުޅުވައިގެން އޮތަސް ލޮލުގެ ތެރެ ފެންނަވަރެއް ނުވެއެވެ. ލޯ ކައިރި ދުޅަވަމުންގޮސް މޫނުގެ ސިފަވެސް ވަނީ ގެއްލިފައެވެ. މުޅި ހަށިގަނޑަށް އެތަކެއް މެޝިނެއް ގުޅާފައި ވެއެވެ.
ނޫރާގެ އިތުރުން ހުމޭޒާވެސް ތިބީ އެތާނގައެވެ. ނޫރާ އިނީ ހުމައިރާ އުނގުތެރޭގައި ބައިންދައިގެން ލަޔާލްގެ ގާތުގައެވެ.
''........'' ލަޔާލްގެ ތުންފަތް ހަރަކާތް ކުރީ ނުހަނު އުނދަގުލުންނެވެ. އޭނާ ކޮންމެވެސް އެއްޗެކޭ ބުނިހެން ނޫރާއަށް ހީވިއެވެ.
ނޫރާ ލަޔާލްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ލަޔާލް ބުނި އެއްޗެއް އަޑު ނީވޭތީ ނޫރާ އިން ގޮނޑިން ތެދުވެ ލަޔާލްގެ މޫނާ ކަންފަތް ކައިރި ކޮއްލިއެވެ.
''ހުމައިރާ ބަލާތި......'' ލަޔާލް ދެލޯމަރާލަމުން ބުނެލިއެވެ. އެ ބުނިއެއްޗެއް ރަނގަޅަށް އަޑު ނީވުނަސް ނޫރާއަށް ދޭހަވިއެވެ.
''ލަޔާލް....... ދެން ކަންބޮޑުނުވޭ...... މީ އަރާމު ކުރަންވީ ވަގުތު........'' ލަޔާލްގެ ނިތްކުރީގައި ފިރުމާލަމުން ނޫރާ ބުނެލިއެވެ. ދުޅަވެފައިވާ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތްތަން ނޫރާއަށް ފެނުނެވެ.
ލަޔާލް އަތް ތިލައިން ހުމޭޒާއަށް އިޝާރާތް ކޮއްލިއެވެ. ހުމޭޒާ ގާތު ކޮންމެވެސް ވާހަކައެއް ބުނަން އުޅޭހެން ހީވިއެވެ. ހުމޭޒާވެސް ހުރީ ލަޔާލްގެ ހާލު ފެނި ހިތަށް މޮޅިވެރިކަން ލިބިފައެވެ. ލަޔާލް އިޝާރާތް ކޮއްލުމާއެކު ހުމޭޒާ ލަޔާލްގާތަށް ޖެހިލިއެވެ.
''ހަމްޒާ ........ ގެނެސްދީ.......'' ލަޔާލް އެބުނި އެއްޗެއް ނޫރާއަށްވެސް އަޑުއިވުނެވެ. ލަޔާލްގެ ސިކުނޑި ގޯސްވެ ހަމަނުޖެހޭ ވާހަކަ ދައްކަނީކަމުގައި ނޫރާއަށް ހީވިއެވެ. އެހެންނޫންނަމަ މިވަގުތު ހަމްޒާ ގެނެސްދޭކަށް ލަޔާލް ނުބުނާނެކަން ނޫރާއަށް ޔަޤީންކުރެވުނެވެ. ސުވާލުގެ ނަޒަރަކުން ހުމޭޒާގެ މޫނަށް ނޫރާ ބަލާލިއެވެ.
ނޫރާއަށް އެއްވެސް ސުވާލެއް ކުރާނެ ފުރުސަތު ނުދީ ހުމޭޒާ އެތަނުން ބޭރަށް ނުކުތެވެ. ދެން އޭނާ ހަދަންވީ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އެތައް އިރަކު އެ ރޫމު ބޭރުގައި ދެކޮޅަށް ހިނގަމުން އޭނާ ވިސްނިއެވެ. އަދި އެންމެ ފަހުން ހަމްޒާއަށް ގުޅާލިއެވެ. އަދި ލަޔާލް ބައްދަލު ކުރަން އެދޭ ވާހަކަ ބުނެފިއެވެ.
''ނޫރާ ކުރިމައްޗަށް އަރާހާ ހިތްވަރެއް އަހަރެންގެ ނެތް.........'' ހަމްޒާގެ ޖަވާބު ކުރުވެފައި ސާފެވެ.
''އެކަމަކު ތިހެންވެސް ލައްކަ ދުވަހު އުޅެވިއްޖެ........... ތުއްތައަށް ހީވަނީ ދެން ލަޔާލް..........'' ހުމޭޒާ ޖުމުލަ ފުރިހަމަނުކޮށް ދޫކޮށްލިއެވެ.
''މާ ގޯހީތަ.........'' ހުމޭޒާ ބުނަން އުޅުނީ ކީކޭކަން ހަމްޒާއަށް ވިސްނުނެވެ.
އެތައް ވަރަކަށް ވާހަކަ ދެއްކުމުން ހަމްޒާ އެއްބަސްވިއެވެ. ލަޔާލްއާ ބައްދަލުކުރުމަށެވެ. ވަގުތު ނާޒުކުކަމާ ޙާލަތު އެކަން ކުރަން މަޖުބޫރު ކުރުވައިފިއެވެ. ލަޔާލް އޭނާގާތު ބުނަން އުޅޭއެއްޗެއް އަޑުއަހާލަން މިއަދު އޭނާ ބޭނުމެވެ.
*******
ލަޔާލް އޮތް ރޫމުގެ ދޮރު ހުޅުވާލަމުން ހުމޭޒާ އެތެރެއަށް ވަނެވެ. ފަހަތުން ހަމްޒާ ވެސް އެތެރެއަށް ވަނެވެ. ނޫރާގެ ނަޒަރު ހަމްޒާގެ މޫނަށް ހުއްޓުނު ވަގުތު އޭނާގެ ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ. ދެލޯބޮޑުވެ މުޅި މީހާ ހުއްޓުންއެރިއެވެ. މާސްކު އަޅައިގެން ހުއްޓަސް އެ މޫނެއް ނޫރާއަކަށް ނޯޅޭނެއެވެ. އެރީތި ދެލޮލުން އެކަނިވެސް ހަމްޒާ ފާހަގަ ކުރަން ނޫރާއަށް އެނގެއެވެ.
''ހަމްޒާ.........'' ލަޔާލް އަނގައިން ވައި އަޑެއް ނުކުތެވެ. އޭނާއަށް ވާހަކަ ދެއްކެނީ ވަރަށް އުނދަގުލުންނެވެ. ހަމްޒާ ލަޔާލް ގާތަށް ޖެހިލިއެވެ.
''އަހަރެން........'' ލަޔާލްގެ އަގައިން ލޭ ފައިބައިގަތެވެ. މިފަހަރު މާ ގިނައިންނެވެ. ނޫރާ އަވަސްވެގަތީ ނަރުހުންނަށް ގުޅާށެވެ. އެކަން މަނާކުރީ ލަޔާލެވެ.
ފޯނުގެ އަތްގަނޑު ހިއްލާލި ގޮތަށް ނޫރާ ބުދެއްހެން ހުއްޓެވެ. ފެންނަ މަންޒަރުތައް އޭނާގެ ސިކުނޑިއަށް ޤަބޫލެއްވެސް ނުކުރެވެއެވެ. މީވެސް ހުވަފެނެއް ހެން އޭނާއަށް ހީވަނީއެވެ. ހުމޭޒާ އަވަސް އަވަހަށް ނޫރާގެ އުރުގައި އިން ހުމައިރާ އުރާލިއެވެ.
''ހަމްޒާ....... އަހަރެން ނެތަސް .........'' ލަޔާލް ހިތްވަރުކޮށްފައި ވާހަކަދެއްކޭތޯ ބެލިއެވެ. ކިޔާއެއްޗެއް ސާފުވަނީ އުނދަގުލުންނެވެ.
ނޫރާއަށް ވެފައި ހުރިގޮތް ފެނިފައި ހުމޭޒާ ނޫރާގެ އަތުގައި ހިފާ ލަޔާގެ ގާތަށް ގެނައެވެ.
ލަޔާލް ނޫރާގެ މޫނަށް ބަލާލިއެވެ. ލަޔާލްގެ ދެލޯވަނީ ރަތްވެފައެވެ. ނިތްކުރިމަތިން ދާތިކިތައް ފާޅުކޮށް ފެންނަންހުއްޓެވެ. އޭނާގެ އެތެރެހަށީގައި އަޅާވޭން ގަދަކަމުން ހެން ހީވެއެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ.
''އަހަރެން ...... ނެތްދުވަހެއްގައި..... ނޫރާ ބަލާދޭތި......... އަދި ......... އަހަރެންގެ......... ދަރިފުޅުވެސް.........'' ލަޔާލް ލޮލުން ފައިބަމުން ދިޔަ ކަރުނައިގެ ތެރެއިން ހަމްޒާގެ މޫނަށް ލަޔާލް ބަލާލިއެވެ. އެއީ އާދޭހާއި ވޭން އެކުލެވިގެންވާ ބެލުމެކެވެ. ހިތަށް އަސަރުކުރުވާފަދަ ހިތްދަތި ބެލުމެކެވެ.
''ލަޔާލް ........'' ހަމްޒާއަށް ބުނެވުނީ އެވަރަށެވެ. އޭނާ ބުނަން ބޭނުންވާ ވަރަށް ބުނާނީ ކޮން ދުލަކުންހެއްޔެވެ.
ކުއްލިއަކަށް ލަޔާލް ނޭވާލާން އުނދަގޫވެގެން ތެޅިފޮޅެން ފެށިއެވެ. ޑޮކްޓަރުންނާ ނަރުހުން އެތަނަށް އަތުވެއްޖެއެވެ. މެޝިންގެ އަޑުތައް ގަދަވެއްޖެއެވެ. ޑޮކްޓަރުން މަސައްކަތް ކުރިއެވެ. އެހެނަސް ފުރާނައަކީ ވަކި ފަރާތެއްގެ މިލްކެކެވެ. ފަރުވާދެމުން ދަނިކޮށް ލަޔާލް އަބަދުގެ އަބަދަށް ލޯމަރާލިއެވެ.
''އިންނާ ލިއްލާލި '' ހުމޭޒާގެ އަނގައިން މި ލަފުޒު ބޭރުވުމާއެކު ނޫރާ އަރިއަޅާލައިފިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 24 ޖޫން، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް