ފްލައިޓް އެޓެންޑެންޓެއް ކަމަށްބުނެ އޮޅުވާލައިގެން 120 އަށްވުރެ ގިނަ ހިލޭ ދަތުރު ކޮށްފި

އެމެރިކާގައި ފްލޮރިޑާގެ 35 އަހަރުގެ ފިރިހެނަކަށް، ފްލައިޓް އެޓެންޑެންޓެއް ކަމަށް ބުނެ އޮޅުވާލައިގެން 6 އަހަރުގެ މުއްދަތެއްގައި 120 އަށްވުރެ ގިނަ ހިލޭ ދަތުރު ކުރުމުގެ ކުށް ސާބިތުވެއްޖެއެވެ. ޓައިރޮން އެ...

19 Jun 2025 | 02:03

އެމެރިކާގައި ފްލޮރިޑާގެ 35 އަހަރުގެ ފިރިހެނަކަށް، ފްލައިޓް އެޓެންޑެންޓެއް ކަމަށް ބުނެ އޮޅުވާލައިގެން 6 އަހަރުގެ މުއްދަތެއްގައި 120 އަށްވުރެ ގިނަ ހިލޭ ދަތުރު ކުރުމުގެ ކުށް ސާބިތުވެއްޖެއެވެ.

ޓައިރޮން އެލެގްޒެންޑަރ ވަނީ 5 ޖޫން 2025 ގައި ވަޔަރ ފްރޯޑްގެ ކުށާއި، ދޮގު މަޢުލޫމާތު ދީގެން ވައިގެ ބަނދަރުގެ ސެކިއުރިޓީ އޭރިއާތަކަށް ވަނުމުގެ ކުށް ސާބިތުވެފައެވެ. ކޯޓު ލިޔެކިޔުންތަކާއި ޝަރީޢަތުގައި ހުށަހެޅުނު ހެކިތަކުން ދައްކާގޮތުގައި، އެލެގްޒެންޑަރ ވަނީ ޕައިލެޓުންނާއި ފްލައިޓް އެޓެންޑެންޓުންނަށް ޚާއްޞަކޮށްފައިވާ އެއަރލައިންތަކުގެ މުވައްޒަފުންގެ ދަތުރުފަތުރުގެ ބުކިންގ ސިސްޓަމް ބޭނުންކޮށްގެން، ތަކުރާރުކޮށް ދޮގު ކްރެޑެންޝަލްތައް ހުށަހަޅައިގެން ނާޖާއިޒު މަންފާ ހޯދާފައެވެ.

2018 އާއި 2024 އާ ދެމެދު، އެލެގްޒެންޑަރ ވަނީ 7 އެކި އެއަރލައިންގެ ފްލައިޓް އެޓެންޑެންޓެއްގެ ގޮތުގައި ދައްކައިގެން 34 ހިލޭ ދަތުރު ކާމިޔާބުކަމާއެކު ބުކްކޮށްފައެވެ. އަދި އޭނާ ވަނީ 30 އަށްވުރެ ގިނަ މުވައްޒަފުންގެ ބެޖް ނަންބަރުތަކާއި ވަޒީފާއަށް ވަން ތާރީޚްތައް އުފައްދައި، އެއަރލައިންތަކުގެ އޮންލައިން ސިސްޓަމަށް ފައިސާ ދެއްކުމަކާ ނުލައި ވަދެފައެވެ. ހެކިތަކުން ހާމަވިގޮތުގައި އޭނާ ވަނީ މި ރޭވުމުގެ ތެރޭގައި މަދުވެގެން އިތުރު 3 އެއަރލައިންގެ ފްލައިޓް ކުރޫގެ ގޮތުގައިވެސް ދައްކާފައެވެ.

ކަމާބެހޭ އިދާރާތަކުން ފާހަގަކުރާގޮތުގައި އެލެގްޒެންޑަރގެ ޢަމަލުތަކުން އެއަރލައިންތަކަށް މަކަރު ހެދުމުގެ އިތުރުން، އޭނާ އަމިއްލައަށް ހުއްދަ ލިބިފައިވާ ފްލައިޓް ކުރޫއެއްގެ ގޮތުގައި ދައްކައިގެން ވައިގެ ބަނދަރުގެ ސަލާތީ އޭރިއާތަކަށް ވަދެފައިވާތީ، ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް އުފެދިފައިވެއެވެ.

އެލެގްޒެންޑަރއަށް ޙުކުމް ކުރުމުގެ ގައިޑްލައިންތަކާއި ޤާނޫނީ ނުކުތާތަކަށް ބަލާއިރު، ދިގު މުއްދަތަކަށް ޖަލަށްލުމުގެ އަދަބެއް ކުރިމަތިވެދާނެކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް