އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އީރާނުގެ ރައްޔިތުން އެއްބައިވަންތަވެއްޖެ : ޕުޓިން

ރަޝިޔާގެ ރައީސް ވްލަދިމީރު ޕުޓިން ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އީރާނުގެ އެތެރޭގެ އެއްބައިވަންތަކަން ވަރުގަދަވެ، އެ ޤައުމުގެ ރައްޔިތުން ސި...

19 Jun 2025 | 01:00

ރަޝިޔާގެ ރައީސް ވްލަދިމީރު ޕުޓިން ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އީރާނުގެ އެތެރޭގެ އެއްބައިވަންތަކަން ވަރުގަދަވެ، އެ ޤައުމުގެ ރައްޔިތުން ސިޔާސީ ލީޑަރޝިޕްގެ ފަހަތަށް އަރައި އެއްބައިވެފައިވާ ކަމަށެވެ. ބޭރުގެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕުޓިން ވިދާޅުވީ މި ހާލަތަކީ ނާޒުކު ނަމަވެސް ހައްލުކުރެވޭނެ ކަމެއް ކަމަށާއި، އިސްރާއީލުގެ ސަލާމަތީ ކަންބޮޑުވުންތަކާއި އީރާނުގެ މަދަނީ ނިއުކްލިއަރ ޕްރޮގްރާމެއް ހިންގުމުގެ ބޭނުން ފުއްދައިދޭ ސުލްހައިގެ އެއްބަސްވުމަކަށް ވާސިލުވެވިދާނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިވަގުތު 200 އަށްވުރެ ގިނަ ރަޝިޔާގެ ރައްޔިތުން އީރާނުގެ ބުޝެހުރު ނިއުކްލިއަރ ޕްލާންޓުގައި މަސައްކަތް ކުރަމުންދާ ކަމަށާއި، ރޮސްއެޓޮމް މެދުވެރިކޮށް އީރާނުގެ މަދަނީ ނިއުކްލިއަރ މަސައްކަތްތަކަށް އެހީތެރިވުމުގައި މޮސްކޯގެ އަޒުމް ދެމެހެއްޓޭނެ ކަމަށް އަލުން ޔަޤީންކަން ދެއްވިއެވެ. އަދި އިސްރާއީލުގެ ސަލާމަތާ ގުޅޭގޮތުން އެއްބަސްވުމެއް އޮތް ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިރާނާއި އިސްރާއީލް ސުލްހަ ކުރުމަށއ މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޕުޓިން ކުރިން ހުށަހެޅުއްވި ހުށަހެޅުއްވުން ބަލައިނުގަނެ، ޕުޓިން އެންމެ ފުރަތަމަ ޔުކްރެއިންގެ ހަނގުރާމަ ހައްލުކުރަންޖެހޭ ކަމަށް ބުނެފައެވެ. ޓްރަމްޕް މިހެން ބުނެފައިމިވަނީ ރަޝިޔާއާއި އިސްރާއީލާ ދެމެދު އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ. މި ގުޅުން ގޯސްވަމުން ދިޔައީ މޮސްކޯއިން ޓެހެރާނާއެކު އަޝްކަރީ ގުޅުން ބަދަހިކުރަމުން ދިޔުމާއި، މިފަހުން އީރާނާއި ރަޝިޔާއާ ދެމެދު ސްޓްރެޓެޖިކް ޕާޓްނަރޝިޕް އެއްބަސްވުމެއް ހެދުމާ ގުޅިގެންނެވެ.

މިހާރު ހިނގަމުންދާ ޣައްޒާގެ ހަނގުރާމައާއި ޔުކްރެއިންގެ ހަނގުރާމައިން ރަޝިޔާއާއި އިސްރާއީލާ ދެމެދު އޮތް ތާރީޚީ ގޮތުން ދެމެހެއްޓެނިވި ގުޅުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވެއެވެ. އިސްރާއީލުގައި ރަޝިޔާގެ އަސްލަކަށް ނިސްބަތްވާ ބޮޑު އާބާދީއެއް ދިރިއުޅެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް