ކުރީ ސަރުކާރުން ވަގުގެން ބޮޑު އާބާދީއެއް މާލެ ތެރެއަށް ދޫކޮށްލާފައިވާކަމަށް ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން މިފަދައިން ވިދާޅުވެފައިވަނީ، އަދަދުން ޝާއިއުކޮށްފައިވާ ޚަބަރަކަށް ޖަވާބުދެމުން އެކްސްގައި ކުރި ޕޯސްޓަކުއެވެ.
އަދަދު ނޫހުން މާލޭގައި ވަގުންގެ ބޮޑު ނެޓްވޯކެއް ވާކަމާއި، އެކަން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް ބުނެ ޝާއިއު ކޮށްފައިވާ ޚަބަރަށް ޖަވާބުދެއްވަމުން ޝިފާން ވިދާޅުވީ، ކުރީ ސަރުކާރުން ވައްކަމުގެ މައްސަލައިގައި ކަރެކްޝަން ސާވިސްގައި ހައްޔަރުގައި ތިބި އެފަދަ 434 މީހަކު 10 މަސް ދުވަހުގެ މުއްދަތެއް ހަމަ ނުވެ އުޅެނިކޮށް މުޖުތަމައު ތެރެއަށް ދޫކޮށްލާފައި ވާކަމަށެވެ. އަދި މިކަމުގެ ސަބަބުން މާލެ އޮތީ ބޮޑު ނުރައްކަލެއްގައި ތެރޭގައިކަން ޝިފާން ވަނީ ފަާހަގަ ކުރައްވާފައެވެ.
މާލޭގައި ވައްކަން ކުރުމާއި ފޭރުމާއި މާރާމާރީ ފަދަ ކަންކަން ހިންގުން މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އާއްމު ވެފައެެވެ. ދާދި ފަހުން ކޭބަލް ތައް ވަގަށް ނަގާ މައްސަލާއިގައި މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ކަން ބޮޑުވުން ފާޅުކޮށްފައެވެ.
ޝިފާން ވިދާޅުވީ، މައްސަލަ ހައްލުކުރަން ކުރިން ރޭވިގެން ކަންތައްތަކެއް ކޮށްފައި ނެތުމުން މައްސަލައިގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް