ރިޔާސީ އިންތިހާބުގައި ލޮލަށް ނުފެން ފަރާތްތަކަށް މީހެއްގެ އެހީއާއި ނުލާ ވޯޓު ލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި މި އިސްލާހު މިއަދުގެ ޖަލްސާގައި ފާސްވީ ރައްޔިތުންގެ މަޖިލީހުގެ 51 މެންބަރުންގެ އަގްލަބިއްޔަތުންނެވެ.
މި އިސްލާހު ފާސްވެފައިވާއިރު، މި އިސްލާހަކީ މުހިންމު އިސްލާހެއްކަން، ބަހުސް މަރުހަލާގައި ހުރިހާ މެންބަރުންވެސް ފާހަގަކުރެއްވިއެވެ.
މި އިސްލާހުގައިވާގޮތުގައި ޕްލާސްޓިކް އެ ޓެމްޕްލޭޓަކީ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށް، ލޮލަށް ނުފެންނަ ފަރާތްތަކަށް ވޯޓުލުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އަދި ވޯޓު ދެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ޓެމްޕްލޭޓް ޝީޓެކެވެ.
މި އިސްލާހު ފާސްވުމާއެކު ދެން އޮންނާނީ ރައީސުލްޖުމްހޫރިއްޔާ މި އިސްލާހު ތަސްދީގު ކުރެއްވުމެވެ. ތަސްދީގު ކުރެއްވުމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މި އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް