ކުޑަކުދިންނަށް އަސަރު ކުރާ ކަންކަމުގައި ގޮތް ނިންމުމުގެ މަރުހަލާތުގައި އެކުދިންގެ ބައިވެރިވުން އޮތުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެެ.
މިގޮތަށް އެކަމަނާ ވިދާޅުވެފައި ވަނީ މިއަދު ބަނޑޮސް މޯލްޑިވްސްގައި 'ރީޖަނަލް ކޮންސަލްޓޭޝަން އޮފް ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ' ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސިޔާސަތުތައް އެކަށައެޅުމުގެ ހުރިހާ މަރުހަލާތަކުގައި ކުޑަކުދިންނަށް ބޭނުންވާ ކަންކަމާއި، އެކުދިންނަށް އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައިކަން ދެނެގަތުމަށް އެކުދިންގެ ޚިޔާލާ މަޝްވަރާ ހޯދުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އެގޮތުން ކުޑަކުދިންގެ ޙައްޤުތަކަށް ވަކާލާތުކުރުމަކީ މި ސަރުކާރުގެ އެންމެ އިސްކަންދޭ އެއް ޕޮލިސީކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"ރާއްޖެއިން 1991 ވަނަ އަހަރު ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ސީ.އާރް.ސީ)ގައި ބައިވެރިވުމަށްފަހު ކުޑަކުދިންގެ ޙައްޤުތަށް ރައްކާތެރިކުރުމާ ގުޅޭގޮތުން އެކަށީގެންވާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި، ޤައުމީ ފެންވަރުގައި އެދެވޭ ކުރިއެރުންތަކެއް ހޯދިފައިވޭ" ފަސްޓް ލޭޑީ ވިދާޅުވިއެވެ.
އެހެންނަމަވެސް މި ކުރިއެރުންތައް އެގޮތުގައި ހިފެހެއްޓުމަށް އަދިވެސް އިތުރު މަސައްކަތްތައް ކުރަންޖެހޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެކަމަނާ ވަނީ ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން އެކުދިން ހޭލުންތެރިކުރުވުމާއި އެ ޙައްޤުތަކުގެ ބޭނުން ހިފުމުގައާއި އަދި އެފަދަ ޙައްޤެއް ނިގުޅައިގަނެވޭ ޙާލަތްތަކުގައި އެހީތެރިކަން ހޯދާނެގޮތްތައް ކުދިންނަށް ބުނެދިނުމުގައި ބެލެނިވެރިންނާއި ސްކޫލްތަކުގެ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި ހަމައެހެންމެ، ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކާއި މުޖުތަމަޢުން އަދާކުރާ ދައުރުގެ އިތުރުން މަދަނީ ޖަމުޢިއްޔާތަކުން އަދާކުރެވިދާނެ މުހިންމު ދައުރުވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
"ކުޑަކުދިންނަކީ މުސްތަޤްބަލުގައި ބަދަލުތައް ގެނެސްދޭނެ ފަރާތްތައްކަން ފާހަގަކުރައްވައި މިއަދު ކުޑަކުދިންގެ ހެދިބޮޑުވުމަށް ކުރާ އިންވެސްމަންޓަކީ މާދަމާގެ ތަރައްޤީގެ މިސްރާބު ކަނޑައަޅައިދޭނެ ކަމެއް" ފަޒްނާ އަހްމަދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިތުރުން މި ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ 'ރީޖަނަލް ކޮންސަލްޓޭޝަން އޮފް ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ'ގައި ބަނގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއިން ބައިވެރިވެއެވެ.
މި ކޮންފަރެންސަކީ މި ޤައުމުތަކުގެ ކުޑަކުދިންގެ ޙައްޤުތަކުގެ ހާލަތު އޮތްގޮތް ދެނެގަތުމާއި ތަޖުރިބާ ޙިއްޞާކުރުމާއި އަދި މި ސަރަޙައްދުގެ އޮގަނައިޒޭޝަންސްތަކުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ކުރިޔަށްގެންދެވޭ ކޮންފަރެންސެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް