ޢީދު ބަންދުގައި ބޭންކުތައް 26 ވަނަ ދުވަހު ހުޅުވާނެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (މަރުކަޒީ ބޭންކް) އާއި ބޭންކް އޮފް މޯލްޑިވްސް އިންވެސް ބުނެފިއެވެ.
އެގޮތުން މަރުކަޒީ ބޭންކުން މި ނިންމުން ނިންމައި މިދިޔަ މަހުގެ 16ގައި ހާމަކޮށްފައިވެއެވެ.
އެމްއެމްއޭއިން އެދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ ޢީދުގެ މުނާސަބަތުގައި 25 ޖޫން އިން 29 ޖޫން އަށް ސަރުކާރު ބަންދުވުމާއި ގުޅިގެން، އެ އޮތޯރިޓީއާއި ބޭންކުތައް ހުޅުވާފައި ހުންނާނީ 26 ޖޫން 2023 ވާ ހޯމަ ދުވަހު ކަމަށެވެ.
އެ ދުވަހު މަރުކަޒީ ބޭންކުން ބޭންކިން ހިދުމަތާއި ސިޓީއާއި ތަކެތި ބަލައިގަތުން ހެނދުނު 08:30 އިން މެންދުރު 14:00 އަށް ކަމުގައި ބުނެފައިވެއެވެ. އަދި މަރުކަޒީ ބޭންކުން ހިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުން ކަމަށްވެސް ބުނެފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނިންމާފައިވާގޮތަށް އެ ބޭންކުންވެސް ޢީދު ބަންދުގެ ދުވަސްތަކުގެ ތެރެއިން 26 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރު 2:00 އަށް ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ.
ބީއެމްއެލްއިން ބުނެފައިވަނީ ބަންދު ދުވަސްތަކުގައި، އެ ބޭންކުން އެދެނީ އިންޓަނެޓް ބޭންކިންގ އަދި މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިންގ ހިދުމަތް ހޯއްދެއްވުން ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނޭ ކަމަށާއި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެކަމުގައިވެސް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް