ލަންކާގެ ލޯކަލް ކައުންސިލްގެ ކުރީގެ މެންބަރަކު މަރާލަން ހަމަލާއެއް ރޭވުމަށްފަހު އަންހެނަކު ދަތުރުކުރީ ރާއްޖެއަށް ކަމުގައި ލަންކާގެ ފުލުހުންނާއި ހަވާލާދީ ލަންކާ ނޫސްތަކުގައި ރިޕޯޓްކޮށްފިއެވެ.
އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ބަޑީގެ ހަމަލާއެއް ދީފައިވަނީ ލަންކާގެ ޕްރަދޭޝިޔަ ސަބާގެ ކުރީގެ މެންބަރެއް ކަމުގައިވާ ދުލާޖް ތަރަންގާ ކިޔާ މީހަކަށެވެ. އޭނާ ކާރުގައި ދަނިކޮށް ބަޔަކު ކުރިމައްޗަށް އަރާ ބަޑީގެ ހަމަލާތަކެއް ދިނުމުންވެސް ކާރު މަޑުނުކޮށް އެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަނަށް ދިއުމުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުން ކަމަށް ބުނެފައިވެއެވެ.
ލަންކާގެ މީޑީއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ހަމަލާއަކީ "ކޮންޓްރެކްޓް އުސޫލުން" ދުލާޖް މަރާލަން ދިން ހަމަލާއެކެވެ. އަދި އޭނާ މަރާލަން ދިން ހަމަލާ ރޭވީ އޭނާގެ އާއިލާ މެންބަރެއް ކަމަށްވާ ކޮސްގޮޑާ ސުޖީ ނަމަކަށްކިޔާ މީހެއް ކަމަށާއި އެއީ ދުބާއީގައި އޮޕަރޭޓް ކުރަމުން އަންނަ ޑްރަގް ލޯޑެއް ކަމަށްވެސް ބުނެފައިވެއެވެ.
އިންޓެލިޖެންސާ ހަވާލާދީ ބުނެފައިވަނީ ބަޑީގެ އެ ހަމަލާ ދިނުމަށް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވީ އުމުރުން 22 އަހަހަރުގެ އަންހެނެއް ކަމަށާއި ދުލާޖް ކާރުގައި ދިޔައީ އެ އަންހެން މީހާ ގުޅައިގެން އެ އަންހެން މީހާއާއި ބައްދަލުކުރަން ކަމަށެވެ.
އެ ހަމަލާއަށްފަހު އެ އަންހެން މީހާ ހަމަ އެ ދުވަހު ކަޓުނަޔަކެ އެއާޕޯޓުން ރާއްޖެ ދަތުރުކުރި ކަމަށާއި އަދި މިހާރު އެ އަންހެން މީހާ ރާއްޖެއިން ދުބާއީއަށް ގޮސްފައިވާކަމަށްވެސް ފުލުހުންގެ އިންވެސްޓިގޭޝަނާ ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
މި ހަމަލާ ދިން މަގްސަދަކީ ދުލާޖް އަދި ރަތުމަގަ ވިދުރައާއި ދެމެދު އޮންނަ އާއިލީ ޑްރަގް ކާޓެލްގެ މައްސަލަތަކެއްގެ ތެރެއިން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް