ސްޓެލްކޯއަކީ ވިޔަފާރި ކުންފުންޏެއްގެ ބަދަލުގައި ރައްޔިތުންނަށް ހިދުމަތް ކުރަން އޮތް ކުންފުންޏަކަށް ވާންޖެހޭނެ ކަމަށް އެ ކުންފުނީގެ އާ ޗެއާމަން ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ އޮފީހުގައި މިއަދު ބޭއްވި ކޭކު ފެޅުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. މި ހަފްލާގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ހަފްލާގައި ޑރ. ދީދީ ވިދާޅުވީ ސްޓެލްކޯއަކީ މިއަދު ވަރަށް ފުރިހަމަވެފައިވާ, ވަރުގަދަ އަދި ރާއްޖޭގެ އެންމެ ފުންނާބުއުސް އެއް ކުންފުނި ކަމަށެވެ.
ދީދީ ވިދާޅުވީ, ސްޓެލްކޯގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އަބަދުވެސް ޒިންމާއަކީ ކުންފުންޏަށް ރަނގަޅު ތަރައްގީތަކެއް ލިބި, ދައުލަތަށާއި ރައްޔިތުންނަށް މި ކުންފުނީގެ ހިދުމަތް ލިބުން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އިހުލާސްތެރިވެ, ތެދުވެރިވެ ހިތްވަރު ކުރުމަށް ނަސޭހަތްތެރިވި އެވެ.
ދީދީ ވިދާޅުވީ, މި ޒަމާނުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނީ ރޭވުންތެރިކަމާއެކު ސިސްޓަމެޓިކް ގޮތެއްގައި ރޭވިގެން ކަމަށެވެ. އަދި ސަރުކާރުން ސްޓެލްކޯ އުފެއްދީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި އެއީ ކުންފުނިން ދޭ ހިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާކޮށް މިއަދަށްވުރެ މާ ރަނގަޅު ހިދުމަތްތަކެއް މާދަމާއަށް ތައްޔާރުވުމަށް ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް