މާލޭގައި މީހަކު ބުޅަލަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ފިރިހެނަކު ބުޅަލަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯއާއި ގުޅޭގޮތުން ދުވަހުން ސުވާލު ކުރުމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ އެމްޓީސީސީ ޔުނީފޯމެއްގައި ހުރި ފިރިހެނަކު ހޮޅިބުރިއެއްފަދަ އެއްޗެއް ހިފައިގެން ގޮސް ގެއެއްގެ ދޮރާއި ދިމާއަށް ބާއްވާފައި އޮތް އޮޅިއެއްގެ ދަށަށް އެ ހޮޅިބުރި ކޮއްޕައިގެ އޭގެ ދަށުގައި އޮތް ބުޅަލެއް ނެރެ ބުޅަލުގައި ތަޅާ ރޯނާކޮށްލާ މަންޒަރެވެ. އަދި އެއަށްފަހު އެ ބުޅާ ކޮތަަޅަކަށްލައިގެން ނައްޓާލާ މަންޒަރެވެ.
އޭނާ ހުއްޓުވަން އަންހެނަކު މަަސައްކަތްކުރާ މަންޒަފު ފެނެއެވެ. ނަމަވެސް އެ ބުޅާ ކޮތަޅަށް ލައިގެެން އެމީހަކު އެތަނުން ދާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
މިކަމެއް ހިނގާފައިވަނީ ކުދީނާ ގޯޅީގައެވެ.
ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ މި ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެ ވީޑިއޯއިން ފެންނަނީ ދިވެއްސެއް ކަމެއް ބިދޭސީއެއްކަމެއް ސާފެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް