ލ. ފޮނަދޫއަށް އުފަން އާލިޔާއަކީ އުފަން ވިއިރުު އޯޓިޒަމް ފަދަ ބައްޔެއް ތަހައްމަލް ކުރަން ޖެހޭނެ ކުއްޖެއް ކަމެއް އާއިލާއަށް ދުވަހަކުވެސް ގަބޫލު ކުރެވިފައި ނުވެ އެވެ.
އުމުރާއި އެއްވަރަށް ހެދިބޮޑުވަމުން އަންނަނިކޮށް އާލިޔާގެ ފަރާތުން ތަފާތު ކަމެއް ފާހަގަ ކުރެވުނީ އުމުރުން 18 މަހުގައި ޑެންގޫ ހުން ޖެހުނު ފަހުންނެވެ. އޭގެ ފަހުން އލިޔާގެ ކަންކަމަށް އައި ބަދަލާއި އެކު ހިނގުނީ ވަރަށް ދުވަހުންނެވެ. އެކަމަކު އަދިވެސް ވާހަކައެއް ނުދައްކަ އެވެ.
މިހާރު އުމުރުން ހަތް އަހަރުގެ އާލިޔާގެ މަންމަ އައިޝަތު ސުހާ އަސަރާއި އެކު "ދުވަސް" އާއި މައުލޫމާތު ހިއްސާ ކުރަމުން ބުނީ އެއްގޮތަކަށް ވާހަކަ ނުދެއްކޭއިރު ރޭގަނޑު އަލިޔާގެ ރުއިމުގެ އަޑު ނުހުއްޓޭ ކަމަށެވެ. އަދި ބޮޑުވަމުން އަންނަ ވަރަކަށް މީހުން ގޮވިޔަސް ޖަވާބު ނުދޭއިރު ފެންވަރުވާ ކާންދީ، ހެނދުންލައްވާ ހުރިހާ ކަމެއްވެސް ކުރަންޖެހެނީ ވަރަށް އުނދަގުލުން، ގަދަ ބާރުން ކަހަލަގޮތަކަށްވުމުން ބައެއްފަހަރު ހަދާނެ ގޮތް ހުސްވާ ކަމަށެވެ.
ސުހާ ބުނީ އާލިޔާ އަކީ އޯޓިޒަމް ކުއްޖެއްކަން އެނގުނީ އުމުރުން ދެ އަހާރި ފަސް މަސް ވީއިރުގަވެސް އެއްވެސް ގޮތަކަށް ވާހަކަ ނުދައްކުމުން މާލެ އާއި ސްރީލަންކާއަށް ގޮސް ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓުތަކަކުން ކަމަށެވެ. އެފަދަ ކަމެއް ކުރަން ހިތަށް އެރީ އެ ދުވަސްވަރު އޭނާ ކައުންސެލިން ކިޔަވަމުން ދިޔައިރު އޯޓިޒަމް އާއި ގުޅޭގޮތުން ލިބެމުންދިޔަ މައުލޫމާތުތަކުންނެވެ.
އޭނާ ބުނީ 2017 ވަނަ އަހަރު އެންމެ ފުރަތަމަ މާލެ އައިސް ދެއްކީ ސްޕީޗް ތެރަޕިސްޓަކަށް ކަމަށެވެ. އެކަމަކު އޭނާ ލަފާ ދިނީ ވަކި ކަމަކަށް ޑައިގްނޯސް ކުރަން އަދި މާ އަވަސް ކަމަށެވެ. އޭގެ ފަހުން ސައިކޮލޮޖިސްޓަކަށް ދެއްކުމުން އޯޓިޒަމްގެ އަލާމާތްތައް އާލިޔާގެ ގައިގަ ހުރި ކަަމަށް ހެދި ޓެސްޓުތަކުން ދައްކާ ކަމަށް ބުނި ކަމަށެވެ.
އެ ޑޮކްޓަރުގެ އިރުޝާދާއި އެއްގޮތަށް އެންމެ ފުރަތަމަ އާލިޔާ ގެންދިޔައީ މިޕްސްތާގެ އޮންނަ ތެރަޕީ ކްލާސްތަކަށް ކަމަށް ސުހާ ބުންޏެވެ. އެ ކްލާސްތަކަށް އޭނާ ހަފްތާއެއްގައި ގެންދިއުމަށް ފަހު ދެން ދިޔައީ ރަށަށެވެ.
އެކަމަކު ހަމަ އެއަހަރު ލަންކާގައި ދިރިއުޅޭ ރަހުމަތްތެރިއެއްގެ އެދުމަށް ސުހާ ވަނީ އާލިޔާ ގޮވައިގެން އެ ގައުމަށް ގޮސް ރަހުމަތްތެރިޔާގެ އެހީތެރިކަމާއި އެކު ގިނަ ޑޮކްޓަރުންތަކަކަށް ދައްކައި ޓެސްޓު ހަދާފަ އެވެ. އޭނާ ބުނީ ހުރިހާ ޓެސްޓަކުން ލިބުނީ ހިތް ފަޅައިގެންދާވަރުގެ ނަތީޖާއެއް ކަމަށެވެ.
ދަރިއަކު ބަލިވުމަކީ މައިންބަފައިންނަށް އަދި ހާއްސަކޮށް މައިމީހާއަށް ކެތްވާވަރު ކަމެއް ނޫނެވެ. ހާއްސަކޮށް ލޯބިވާ ދަރިފުޅަށް އަބަދު ބޭސް ކުރަން ޖެހުން ނުވަތަ ބަލި ހާލަތުގައި އަބަދު އުޅެން ޖެހުމަކީ ކެތްވާނެ ކަމެއް ނޫނެނެވެ.
ސުހާ ބުނީ ލަންކާ ޑޮކްޓަރުންގެ ފަރާތުން ލިބުނު ޖަވާބާއި އެކު ހަދާނެ ގޮތް ހުސްވެ، ހޮސްޕިޓަލުން ފެށިގެން ގެއާ ހަމައަށް ދެވެން ދެން ރޮވުނު ކަމަށެވެ. އެކަމަކު އެވަގުތުވެސް ހިތަށްއެރީ އެއީ މާތް ﷲ ގެ އޭނާއަށް ދެއްކެވި އިމްތިހާނެއް ކަމަށާއި އެކަލާނގެ އެއްވެސް މީހަކަށް ނުއުފުލޭ ބުރައެއް ނުޖައްސަވާނެ ކަމެވެ.
ސުހާ ބުނީ ލަންކާއަށް ކުރި އެ ދަތުރުގައި ތެރަޕީ ދިނުމަށް ދެ ހަފްތާ މަޑު ކުރި ކަމަށެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ނޯޕޭ ލީވްގައި ސުހާ ވަނީ އާއިލާ މީހުންގެ އެހީތެރިކަމާއި އެކު ލަންކާއަށް ބަދަލުވެ، އާލިޔާއަށް ސްޕީޗް ތެރަޕީ، އޮކުޕޭޝަނަލް ތެރަޕީ ބިހޭވިއާ ތެރަޕީ ދީ އަދި ސުކޫލް އަށް ގެންގޮސްފަ އެވެ.
ސުހާ ބުނީ އަހަރު ދުވަހު އެގޮތަށް ގެންގުޅު ކަމަށާއި އާލިޔާގެ އުޅުމާއި އަމަލުތަކަށް ވަރަށް ބޮޑަށް ބަދަލު އައި ކަމަށެވެ. މިހާރު އަނެއްކާވެސް ސުހާ އާއި ދަރިފުޅު ދިރިއުޅެމުން ދަނީ އުފަން ރަށް ފޮނަދޫގައި އެވެ.
ސުހާ ބުނީ ފަރުވާ ނުދެވި ގިނަ ދުވަސް ވުމުން މިހާރު އާލިޔާއަށް ވާހަކަ ދައްކަން ނުދެއްކި، އަމިއްލަ އިހުސާސްތައް ބުނެދޭން ނޭނގުމުގެ ސަބަބުން އަވަހަށް ރުޅިއަންނަ ކަމަށެވެ. އެހެންވެ އެކުގައި ކުޅެލާނެ ކުދިން ނުތިބޭ ކަމަށާއި އާލިޔާ މަސަލަސް ކުރުމަށް އެތައް ވަގުތެއް ނަގާ ކަމަށެވެ.
އަދިވެސް ކުޑަކުޑަ އާލިޔާއަށް ނުނިދޭ ރޭތަށް ވަރަށް ގިނަ އެވެ. މީގެ އިތުރުން ވަކި އެއްޗެއް ކެއުމާއި ތަފާތު ކަމެއް ކުރަން ބޭނުން ނުވުންފަދަ އެތައް ކަމެއް އާލިއާ ދަނީ ތަހައްމަލް ކުރަމުންނެވެ.
ސުހާގެ ކަންބޮޑުވުމަކީ ރަށުގައި ތިބެގެން އޯޓިޒަމް ކުދިންނަށް ބޭނުންވާ އެއްވެސް ތެރަޕީގެ ހިދުމަތެއް ނުލިބުމެވެ. އޭނާ ބުނީ ރަށުގައި ފަރުވާއެއް ދެވެން ނެތުމުން ހިތަށް އަރަނީ އާލިޔާއަށް އޭނާއަށް އެއްވެސް ކަމެއް ނުކޮށްދެވޭ ކަމެވެ.
ސުހާ ބޭނުންވަނީ އާލިޔާ އަކީވެސް އެހެން ކުދިންހެން ވާހަކަ ދައްކާ، އަމިއްލަ އަށް ކަންކަން ކޮށްގެން އުޅެވޭ ކުއްޖަކަށްވުމެވެ. އެއީ އޭނާގެ އަޒުމެވެ.
އެކަމުގައި ކުލަ ޖެހިދާނެ ކަމަށް ގަބޫލު ކުރެވެން ފެށީ އާލިޔާ ތަހައްމަލް ކުރަމުންދާ އޯޓިޒަމްގެ މައްސަލަ ކަމަށްވާ ސްޓެމް ސެލްއާއި އާއި ގުޅޭ ގޮތުން ފޭސްބުކްގައި މީހަކު ކޮށްފައިވާ ޕޯސްޓެއް ފެނުމުންނެވެ. އެ ޕޯސްޓަކީ އެ ބަލި ތަހައްމަލް ކުރަމުންދާ ކުއްޖެއްގެ މަންމަ އެ ކުއްޖާއަށް ދިން ފަރުވާ އާއި ލިބެމުންދާ ކުރިއެރުމާއި ގުޅޭގޮތުން ކޮށްފައިވާ ޕޯސްޓެކެވެ.
އެ ފަރުވާއަކީ ބޮޑު ހަރަދެއް ހިނގާ ކަމެކެވެ. ފުރަތަމަ ޓްރީޓްމެންޓަށް އެކަނިވެސް 16،500 އެމެރިކާ ޑޮލަރު ބޭނުންވެ އެވެ.
ސުހާ ބުނީ މިހާރުގެ ފިރިމީހާ އާއި އާއިލާގެ އެންމެން ފަރާތުން ފުރިހަމަ އެހީތެރިކަން ލިބުނު ނަމަވެސް މިހާ ބޮޑު އަދަދެއްގެ ފައިސާއެއް އެއްފަހަރާ ދެވޭވަރުގެ ތަނަވަސްކަން އާއިލާގައި ނެތް ކަމަށެވެ. އެހެންވެ އޭނާ އެދެނީ އާލިޔާގެ ފަރުވާއަށް އާންމުންގެ ފަރާތުން ދީލަތި އެހީއަށެވެ.
އެހީދޭން ބޭނުންވާ ފަރާތްތަކުން ފައިސާ ފޮނުވާނީ:
ރުފިޔާ އެކައުންޓު ނަމްބަރު:7770000058474
ޑޮލަރު އެކައުންޓު ނަމްބަރު:7730000460637
އަދި އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 9500078 ނަމްބަރަށް ގުޅަށް އާއިލާއިން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް