މިއަދުން ފެށިގެން ސްޓެލްކޯގެ މިސްރާބުވެސް ބަދަލުކޮށް, ކަސްޓަމާ އޮރިއެންޓެޑް ކުންފުންޏަކަށް ހަދަންޖެހޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު އެ އޮފީހުގައި ބޭއްވި ކޭކުފެޅުމުގެ ހަފުލާގައި މުވައްޒަފުންނާ ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ, މިއަދަކީ ސްޓެލްކޯ ނޫ ނޫކަށި ޒުވާނަކަށްވެ, ރައްޔިތުންނަށް ދޭ ހިދުމަތް އެ ހިތްވަރާއެކު ދޭން ފަށާ ދުވަސް ކަމަށެވެ.
އަދި މިއަދުން ފެށިގެން ސްޓެލްކޯގެ މިސްރާބުވެސް ބަދަލުކޮށް, ކަސްޓަމާ އޮރިއެންޓެޑް ކުންފުންޏަކަށް ހަދަންޖެހޭ ކަމަށް ފާހަަގަ ކުރައްވާ ޝަރީފް ވިދާޅުވީ "ކަސްޓަމާ އޮރިއެންޓެޑް ކުންފުންޏެކޭ މި ދަންނަވަނީ އަޅުގަނޑުމެންގެ ހުރިހާ ޑިޒިޝަންތަކެއް, ނިންމާ ނިންމުންތަކެއް އެންމެ ފުރަތަމަ މަސްލަހަތު އޮންނަންޖެހޭނީ ކަސްޓަމަރުގެ. އެއަށްފަހު އަޅުގަނޑުމެންގެ ސްޓާފުންގެ. އެގޮތަށް މަސައްކަތް ކޮށްގެން ނޫނިއްޔާ އާންމުންގެ ތެރޭގައި މަގުބޫލު ކުންފުންޏެއްގެ ގޮތުގައި ހެދޭނެ ކަމަކަށް ގަބޫލެއް ނުކުރަން," ކަމަށެވެ.
މިގޮތުން މިއަދުން ފެށިގެން ސްޓެލްކޯގެ މުވައްޒަފުން, ކުންފުނީގެ ނަމުގެ ގޮތުގައި ބޭނުން ކުރާނީ އަޅުގަނޑުމެންގެ ކުންފުނި ކަމަށާއި އެކަމުން ވަރަށް ބޮޑު ބަދަލެއް ކުންފުންޏަށް އަންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވަނީ ސްޓެލްކޯ މިހާރު އޮތް ފެންވަރަށް ގެނެސްދިނުމުގައި ވޭތުވެދިޔަ 25 އަހަރު އެ ކުންފުންޏަށް ހިދުމަތްކޮށްދިން ބޭފުޅުންގެ ނަންތަކާއި ހިދުމަތް ފާހަގަކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް