ނ. ހޮޅުދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހޮޅުމީދޫގައި ތަރައްގީ ކުރުމުގައި މި ސަރުކާރުން ޕްލޭންތަކެއް ގެން ގުޅޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޮޅުދޫ މޭނާ ސްކޫލުގެ 75 އަހަރު، އަލިމަސް ޔޫބީލްގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާ އޮތީ ރޭ އެ ސްކޫލްގައި އެވެ.
ރައީސް ވިދާޅުވީ ހޮޅުދޫގެ ބައެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައި އޮންނަ ހޮޅުމީދޫ އާބާދު ކުރުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ހޮޅުދޫގައި އަޅަން ސަރުކާރުން ހަމަޖެއްސެވި 30 ހައުސިން ޔުނިޓް އެޅުމަށް މިހާރު ހަމަޖެހިފައި ވަނީ ވެސް ހޮޅުމީދުގައިކަން އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ މިހާރު ކުރިއަށްދާ ޑިޒައިންގެ މަސައްކަތް ނިމުމުން، އަންނަ ޖުލައި މަހުގެ ނިޔަލަށް މަޝްރޫޢު ބީލަމަށް ހުޅުވައިލެވޭނެކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ހޮޅުދޫގައި މިހާރު ތައްޔާރުވަމުން އަންނަ، ސާފު ބޯފެނުގެ ނިޒާމު ޤާއިމުކޮށް ނިމުމާ އެކީ، ރަނގަޅު ފެންވަރަށް ހޮޅުދޫގެ މަގުތައް ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް