ރިސޯޓެއް ތަރައްޤީކުރަން ދޫކުރި ވ.އަތޮޅު އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފިއެވެ.
މިއަދު ހެނދުނު 11:00 ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ މި އަޑުއެހުމުގައި މިއަދަށް ކުރިއަށްދާނީ ހެކި ބަސް ނެގުމެވެ.
މި މައްސަލައިގައި ހިމެނޭ ހެކިންގެ ހެކިބަސް ނަގަން ފަށާފައިވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައެވެ.
އެގޮތުން އެ ދުވަހު ހެކިބަސް ދީފައިވަނީ ފޮރެންސިކް ސާވިސްގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި އެލަނިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޝިފާޒެވެ.
އަދި އޭނާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މޯބައިލް ފޮރެންސިކް ރިޕޯޓާ ގުޅިގެންނެވެ.
އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ބުނެފައިވަނީ ޓުއަރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓް ހެދުމަށް ވ.އާރަށް ކުއްޔަށް ނެގުމުގެ މުޢާމަލާތުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ދައުލަތުން ބުނެފައިވަނީ މިފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ހިސާބުން ފެށިގެން މިއީ ކުށުގެ ޢަމަލެއްކަމަށާ އަދި ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ހިންގަން ޖެހޭ މުއާމަލާތެއް ސީދާ ރައީސް ކޮށްފައި އޮތުމަކީ މަގާމުގެ ނުފޫޒު ބޭނުން ކުރުން ކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް