ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ބެހޭ ކޮމިޓީ “241” ކޮމިޓީއަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ހާޒިރުކޮށްފި އެވެ.
މިދިޔަ މަހު ބޮމެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން އެ ކޮމިޓީން ކުރިޔަށް ގެންދާ އިންކުއަރީއަށް އެ މައްސަލަ އާއި ގުޅުން ހުރި ހުރިހާ ފަރާތްތަކެއް ހާޒިރުކޮށް ސުވާލު ކުރާނެ ކަން މަޖިލީހުން ވަނީ ހާމަކޮށްފައި އެވެ. މިހާތަނަށް ހާޒިރު ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ނަޝީދުގެ ޑްރައިވަރާއި ބޮޑީގާޑުންނާއި، ވަކިވަކި ސިފައިންނާއި ފުލުހުންގެ އިސްވެރިންނެވެ.
މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް މިހާތަނަށް ހާޒިރު ކޮށްފައިވަނީ މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ހާޒިރުކޮށްފައިވަނީ ގަވަރުނަރު އަލީ ހާޝިމް އާއި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު އަދި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އިބްރާހިމް އަހުމަދު ނާސިރު އެވެ.
އެ ކޮމިޓީން ވަނީ ހަމަލާ ދިން މީހުންނާއި ބައިވެރިވި މީހުންނާއި އެ ހަމަލާ ދިނުމުގެ އަޑީގައި ތިބި މީހުންގެ އިތުރުން އެކަމަށް ފަންޑު ކުރި މީހުންނާއި ގުޅޭ މައުލޫމާތު ހޯދާނެ ކަމަށް ބުނެފަ އެވެ. އެމްއެމްއޭގެ އިސްވެރިން ހާޒިރު ކުރީ ބެލެވޭ ގޮތުގައި ފަންޑު ކުރި މީހުންނާއި ގުޅޭ މައުލޫމާތައި ގުޅޭގޮތުން ސުވާލު ކުރުމަށް ކަމަށް ބެލެވެ އެވެ.
ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ޓެރެރިސްޓް ޙަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތް ދެނެގަތުމަށް މަޖިލީހުން ގެންދަނީ ތަހުޤީގެއް ނޫންކަމަށެވެ. އަދި ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރަނީ ކުށެއް ކޮށްފައިވާ ބަޔަކު ނޫން ކަމަށާއި އެއީ މައުލޫމާތު އެއްކުރުމަށް ހާޒިރު ކުރި ބައެއް ކަމަށް ވިދާޅުވި އެވެ.
އެ ތަހުގީގަށް ހާޒިރު ކުރި ވަކިވަކި ސިފައިންގެ ތެރޭގައި ނަޝީދުގެ ޑްރައިވަރާއި ބޮޑީގާޑުން ހިމެނެ އެވެ. އެކަމަކު ވަކިވަކި ސިފައިން މިގޮތަށް ހާޒިރު ކުރުމަކީ ގާނޫނުން މަނާކޮށްފައިވާ ކަމެކެވެ.
ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި އޮންނަ ގޮތުން ސިފައިނަށް ލިބޭ މައުލޫމާތެއް ހާމަކުރެވޭނީ ހަމައެކަނި ސިފައިންނާއި ސިފައިންގެ ލީޑަޝިޕަށާއި މިނިސްޓަރު އަދި ނެޝަނަލް ސެކިއުރިޓީ ކައުންސިލަށާއި ރައީސުލްޖުމްހޫރިއްޔާ އަށެވެ. އެހެންވެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް