ގައިދީން ފޯނު ގެންގުޅޭ މައްސަލަ ބޮޑުވެ، މާފުށީ ޖަލުގައި ޖޭމަރު ހަރުކުރަނީ

ގައިދީން މޯބައިލް ފޯނު ބޭނުންކުރާ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވުމުގެ ގޮތުން ޖަލުގެ މޮބައިލް ނެޓްވޯކް ކަނޑާލުމަށް އަންނަ އަހަރު ޖޭމަރުތައް ހަރުކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް ކޮމިޝަނަރ އޮފް...

19 Jun 2021 | 06:52

ގައިދީން މޯބައިލް ފޯނު ބޭނުންކުރާ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވުމުގެ ގޮތުން ޖަލުގެ މޮބައިލް ނެޓްވޯކް ކަނޑާލުމަށް އަންނަ އަހަރު ޖޭމަރުތައް ހަރުކުރުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ، ޕީއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖަލުތަކުގެ ކަންކަން ހަރުދަނާކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ސިޕީ އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ ޖަލަށް ސްމާޓް ފޯނު ވެއްދުން އިތުރުވެފައިވާތީ މޯބައިލް ނެޓްވޯކް ޑައުންގްރޭޑް ކުރުމަށްޓަކައި މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކާއެކު މަޝްވަރާ ފަށާފައިވާކަމަށެވެ.

ލ. މާފުއްޓަކީ ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ރަށަކަށްވުމުން އެތަނަށް މިހާރު ދޫކޮށްފައިވަނީ ހައިރޭންޖްގެ ނެޓުވޯކެއް ކަމަށާއި، އޭގެ ނާޖާއިޒު ފައިދާ ޖަލުގައިތިބޭ ބައެއް ޤައިދީން ނަގަމުންދާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

ސިޕީ ވިދާޅުވީ، އެހެންވެ ކުރިއެކޭ އެއްގޮތަށް ޖަލުގެ ނެޓްވޯކް ޑައުންގްރޭޑް ކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން އަނެއްކާވެސް ޖަލު ހިމެނޭ ސަރަޙައްދުގައި ޖޭމަރުތައް ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ.

"ޓެކްނޯލޮޖީގެ މި ޒަމާނުގައި އަޅުގަނޑުމެންނަށް އެބަފެނޭ ތަފާތު ބާވަތްތަކުގެ ޖޭމަރު ދުނިޔޭގެ ޤައުމުތަކުގެ ޖަލުތަކުގައި އެބަހުރި ހަރުކޮށްފައި. ނަމަވެސް ރާއްޖޭގެ ކޮންޓެކްސްޓުގައި ޖަލު އޮޕަރޭޓްކުރާ ތަންތަނުގައި ބޭނުންކުރަން އެންމެ ރަނގަޅުވާނީ ކޮންކޮން އާލާތްތަކެއްތޯ މިދަނީ ދިރާސާކުރަމުން" ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޖަލުގައި ޖޭމަރުތައް ބޭނުންކޮށްފައިވާކަން ފާހަގަކުރައްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ އޭރު ބޭނުންކުރި ޖޭމަރުތައް ޖަލުގައި ބޭނުންކުރުމުގައި މައްސަލަތަކެއް ހުރިކަމަށެވެ. އެގޮތުން ޖޭމަރުތައް އޭރު ހުރީ ޖަލުގެ ވަށާފާރުގެ މަތީގައިކަމަށާއި އެތަނަކީ މޫދާއި ކައިރިތަނަކަށްވުމުން ގިނަ އެއްޗެތި ދަބަރުޖަހައި ހަލާކުވެފައިވާކަމަށެވެ.

ނަމަވެސް ދެން ހަރުކުރާނީ ރާއްޖޭގެ މާހައުލާވެސް ގުޅޭ، އަދި ފަސޭހައިން ހަލާކުނުވާ ފަދަ ޖޭމަރުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް