ހަތް ދުވަހުގެ ތެރޭގައި އޮމްބަޑްސްޕާސަންގެ އޮފީހަށް ނުވަ މައްސަލައެއް

މައްސަލަ ހުށައެޅުމުގެ ފުރުސަތު ހުޅުވާލިތާ، ހަތް ދުސް ތެރޭގައި އިންތިގާލީ އިންސާފުގެ އޮފީހަށް ނުވަ މައްސަލައެއް ހުށައަޅައިފިއެވެ. ޑިސެމްބަރު 2020ގައި އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހެއް ހުޅުވުމުގެ ...

19 Jun 2021 | 06:02

މައްސަލަ ހުށައެޅުމުގެ ފުރުސަތު ހުޅުވާލިތާ، ހަތް ދުސް ތެރޭގައި އިންތިގާލީ އިންސާފުގެ އޮފީހަށް ނުވަ މައްސަލައެއް ހުށައަޅައިފިއެވެ.

ޑިސެމްބަރު 2020ގައި އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހެއް ހުޅުވުމުގެ ބޭނުމަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހްސެކެވެ. އިންތިގާލީ އިންސާފުގެ ގާނޫނުގައި އޮމްބަޑްސްޕާސަންގެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި، އެ ފަރާތުގެ ބާރުތައް ތަފްސީލުކޮށް ބަޔާންކޮށްފައި ވާނެއެވެ. ހަމައެއާއެކު އެ ގާނޫނުގައި އޮމްބަޑްސްޕާސަންގެ އޮފީހުން މަސައްކަތްކުރަން ވާނީ، މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު، ތައައްސުބުން އެއްކިބާވެ ތިބެ، ގާނޫނުގެ މަގްސަދުތައް ހާސިލުވާނެ ގޮތުގެ މަތިން ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.

އިންތިގާލީ އޮފީހުން މިއަދު ބުނީ މައްސަލަ ހުށަހަޅަން ހުޅުވައިލުމުން މިހާތަނަށް ނުވަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް އަދި ހާމަ ނުކުރެއެވެ،

އެ އޮފީހުން ކުރި އިއުލާނެއްގައި ބުނީ ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އޮގަސްޓް 13، 2021 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިއުލާނުގައި ބުނެއެވެ.

މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ އޮފީހުގެ މައްސަލަ ހުށަހަޅާ ފޯމް އަދި ބަދަލު ހޯދުމަށް އެދޭނަމަ، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، އެ ފޯމްތަކުގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއެކު، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ އީމެއިލް އެޑްރެސް އަށް ނުވަތަ އޮފީސް ހުޅުވިފައިވާ ހުންނަ ވަގުތުތަކުގައި އެ އޮފީހުގެ ކައުންޓަރަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.

މައްސަލަ ހުށަހަޅާ ފޯމާ ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ވެބްސައިޓު އަދި އޮފީސް ހުޅުވާފަ ހުންނަ ގަޑިތަކުގައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

މައްސަލަ ހުށަޅަން ފުރުސަތު ދީފައި ވަނީ އަންނަ އޯގަސްޓްމަހުގެ 13 ވަނަ ދުވަހާ ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް