ރާއްޖޭގެ 14 ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރުމަށް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީ މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ބުނީ, ލ. އަތޮޅުގެ 10 ރަށް ހިމެނޭހެން ޖުމްލަ 14 ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަން އިންވެސްޓަރުންނަށް ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްދިޔުމަށް ހަމަޖެހިފައި 14 ރަށެއްގެ ސޯލާ ހަކަތައިގެ ނިޒާމެއް ގާއިމަކީ, އެމިނިސްޓްރީން ހިންގާ އެކްސެލެރޭޓިން ރިނިއުވަބަލް އެނާޖީ އިންޓްގްރޭޝަން އެންޑް ސަސްޓައިނަބަލް އެނާޖީ (އެރައިސް) ޕޮރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫގެ ދަށުން, 14 ރަށުގައި 11 އިން 14އާ ދެމެދުގެ މެގަވޯޓް ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއަހަރުން ފެށިގެން 5 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެރައިސް މަޝްރޫޢިން ޖުމްލަ 36 މެގަވޮޓް ސޯލަރ ޕީވީގެ ނިޒާމް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އޭގެ އިތުރުން 40 މެގޮވޮޓް އަވަރ ގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމްކުރުމާއި އެކު ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވެއެވެ. އެގޮތުން ޓްރާންސްމިޝަން އަދި ޑިސްޓްރިބިއުޝްން ކޭބަލް ހިމެނޭގޮތަށް ޖުމްލަ 100 ކިލޯމީޓަރުގެ ކޭބަލް އެޅުމަށްވަނީ ރާވައިފައެވެ.
ސޯލާ ހަކަތައިގެ ނިޒާމް ގައިމްކުރުމަށް ހުޅުވާލި ރަށްތައް:
- ގއ. ވިލިނގިލި
- ދ. ކުޑަހުވަދޫ
- ށ. ފުނަދޫ
- ޅ. ނައިފަރު
- ލ. ފޮނަދޫ
- ލ. ގަން
- ލ. ހިތަދޫ
- ލ. މާމެންދޫ
- ލ. ކުނަހަންދޫ
- ލ. މާބައިދޫ
- ލ. ދަނބިދޫ
- ލ. މާވަށް
- ލ. އިސްދޫ
- ލ. ކަލައިދޫ
ކަރަންޓު އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އަދި މި ސިޔާސަތު ތަންފީޒުކޮށް، ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ވޭތުވެދިޔަ އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް