ޝާރުކް ހާން މުހިންމު އަދި ތަފާޓު ރޯލަކުން ފެނިގެންދިޔަ ޑޯން ސީރީޒް ގެ ފޭނުންނަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އުފާވެރި ހަބަރެއް ދީފި އެވެ. ޑޯން ސީރީޒްގެ ތިން ވަނަ ބައި ރިލީޒްވާނެ ދުވަހަށް "ޑޯން 1 އަދި 2" ބެލި މީހުން ތިބީ ކެއްމަދުވެފައި އެވެ.
"ޑޯން 3" އުފައްދާ ކުންފުނި އެކްސެލް އެންޓެޓެއިންމަންޓު ކުންފުނީގެ ކޯ އޯނަރު ރިތޭޝް ސިދްވާނީ މީޑިއާގައި ބުނެފައިވަނީ ފިލްމު ވަރަށް އަވަހަށް ބެލުންތެރިންނާއި ހަމައަށް އަންނާނެ ކަމަށެވެ. މިހާރު ސްކްރިޕްޓުގެ ބޮޑުބައި ނިމިފައިވާއިރު މިފަހަރުވެސް ބެލުންތެރިންނަށް ކަމުދާކަހަލަ ވާހަކައެއް ފިލްމުން ފެނިގެންދާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.
ފިލްމުގައި ޝާރުކް ހާން ފެނިގެންދާނެ ކަމަށް ބެލެވެނީ ކުރީ ދެ ފިލްމުގައިވެސް ފެނިގެންދިޔަ ނުބައިބާ މީހެއްގެ ރޯލުންނެވެ. އެކަމަކު އަދި ޔަގީން ނުވަނީ ފަރްހާން އަހްތަރު ފިލްމާއި ގުޅޭނެ ކަމެވެ.
މީގެ ކުރިން ފަރްހާން ވަނީ ލިޔަމުންދާ "ޑޯން 3" ގެ ސްކްރިޕްޓާއި މެދު ހިތްހަމަޖެހޭ ކަމަށްބުނެފައި އެވެ. އެކަމަކު ފަހުން ބުނެފައިވަނީ ޑޯން 3 އާއިމެދު ވިސްނާވަރަށްވުރެ ގިނަ މަސައްކަތް އެބަހުރި ކަމަށާއި ޑޯން 3ގެ މަސައްކަތްތައް ފެށޭނީ މިހާރު ކުރަމުންދާ ހުރިހާ މަސައްކަތެއް ނިމުމުން ކަމަށެވެ.
ޑޯން 1 އަދި 2 ން ފުލުހެއްގެ ރޯލުން ފެނިގެން ދިޔައީ ޕްރިޔަންކާ ޗޯޕްރާ އެވެ.
"ޑޯން 3" ބެލުންތެރިންނާއި ހަމައަށް އަންނާނެ ދުވަހެއް ނޭނގެ އެވެ. އެކަމަކު ބުނެފައިވަނީ ވަރަށް އަވަހަށް ފިލްމުގެ މަސައްކަތާއި ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ހާމަ ކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް