ޕޯޗުގަލްގެ ވެރިރަށް ލިޒްބޮންގެ ޖަންގައްޔެއްގައި އަލިފާން ރޯވެ މަރުވި މީހުންގެ އަދަދު 60 އަރައިފި އެވެ.
މަރުވި މީހުންގެ ތެރޭގައި އަލިފާންގަނޑުން ސަލާމާތްވުމަށް މަގުން ދުއްވާފައި ދިޔަ ކާރެއްގައި ތިބި ހަތަރު ކުއްޖަކު ހިމެނެ އެވެ. މަރުވި ގިނަ މީހުން ފެނިފައިވެސް ވަނީ ކާރުތަކާއި އެކިކަހަލަ ވެހިކަލްތަކުގެ ތެރެއިންނެވެ.
އަދިވެސް އަލިފާންގަނޑު ކޮންޓުރޯލް ނުވެ ފެތުރެމުންދާތީ މަރުވި މީހުންގެ އަދަދު ކުރިއަށް އޮތްތަނުގައި އިތުރުވާނެކަމަށް އެ ޤައުމުގެ ކަމާބެހޭ ފާރާތްތަކުން ލަފާކުރެ އެވެ. ޖަންގަލީގައި އެ އަލިފާން ރޯވާން މެދުވެރިވީ ހޮނު އެޅުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޖަންގަލީގެ 200 ކިލޯމީޓަރުގެ އެ ސަރަޙައްދުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް 600 ފަޔާފައިޓަރުން އަންނަނީ ކުރަމުންނެވެ. އަލިފާން ނިއްވަން މަސައްކަތް ކުރި ފަޔާރފައިޓަރުންގެ ތެރެއިން 54 މީހަކުވަނީ ވަރަށް ބޮޑަށް ޒަޙަމްވެފަ އެވެ.
ޕޯޗުގަލްގެ ބޮޑު ވަޒީރު އެންޓޯނިއޯ ކޯސްޓާ ވިދާޅުވީ އެ ހާދިސާއަކީ އެ ޤައުމުގެ ފަހުގެ ތާރީޙުގައި ދުށް އެންމެ ހިތާމަވެރި ހާދިސާ ކަމަށެވެ. އެންޓޯނިއޯ ވަނީ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ތައުޒިއާ ރައްދުކޮށްފަ އެވެ.
އަދި އެ ޤައުމުގެ ސަރުކާރުން މީހާރުވަނީ އެ ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި ކުރިއަށް އޮތް ތިން ދުވަހަކީ ޤައުމީ ހިތާމައިގެ ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް