ޓެކްސް އަށް މަކަރު ހެދުމުގެ ފުރުސަތު އޮންްނަ ކަމަށް ޔޫރަޕުން ބަލާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި އެވެ.
ޔޫރަޕިއަން ކޮމިޝަނުން މިދިޔަ ބުދަ ދުވަހު އާއްމުކުރި އެ ލިސްޓަކީ މިފަދަ ފުރަތަމަ ލިސްޓެވެ. އެ ލިސްޓުގައި ހިމަނާފައިވާ 30 ގައުމަކީ ޓެކްސްއާ ގުޅޭ ބައިނަލްއަގުވާމީ އަދި ޔޫރަޕްގެ މިންގަނޑުތަކަށް ފުރިހަމަ އަށް ތަބާ ނުވާ ކަމަށް އީޔޫގެ 10 މެންބަރު ގައުމަކަށް ފެންނަ ގައުމުތަކެވެ.
ރާއްޖެއިން އެ މިންގަނޑުތަކަށް ފުރިހަމަ އަށް ތަބާ ނުވާ ކަމަށް ބުނެފައި ވަނީ ބެލްޖިއަމް އާއި ބަލްގޭރިއާ އާއި ކްރޮއޭޝިއާ އާއި އެސްޓޯނިއާ އާއި އިޓަލީ އާއި ލެޓްވިއާ އާއި ލިތުއޭނިއާ އާއި ޕޮލަންޑާއި ޕޯޗުގަލް އަދި ސްްލޮވީނިއާ އެވެ.
އަހަރަކު އެއް ފަހަރު މުރާޖައާ ކުރަން ނިންމާފައިވާ މި ލިސްޓު އެކުލަވާލީ، ޔޫރަޕިއަން ކޮމިޝަނުން ބުނި ގޮތުގައި، ޓެކްސްގެ ނިޒާމު ހަރުދަނާ ކުރުމަށް ގައުމުތަކަށް ބާރުއެޅުމަށެވެ. އެހެންވެ، އެ ލިސްޓުގައި ހިމެނުނަސް، ރާއްޖެއާ ދެކޮޅަށް ރަސްމީ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅާނެ އެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެކުލަވާލަން ފެށި ލިސްޓުގައި މައިގަނޑު ގޮތެއްގައި ހުރީ ކުދި ޖަޒީރާ ގައުމުތަކެވެ. އޭގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ޓެކްސް އަށް މަކަރު ހެދުމަށް ބޭނުންކުރާ ކަމަށް މަޝްހޫރު ކޭމަން އައިލެންޑްސް އާއި ބަހާމާސް ފަދަ ކެރީބިއަން އަދި މެދުތެރޭ އެމެރިކާގެ ގައުމުތައް ގިނަ އެވެ. އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެއާ އެއެ ލިސްޓަށް އެރި އެންމެ ފާހަގަކޮށްލެވޭ އެހެން ގައުމުތަކަކީ މޮރިޝަސް އާއި ސީޝެލްސް އަދި ހޮންްގް ކޮންގެވެ.
އީޔޫގެ 28 މެމްބަރު ގައުމުގެ ތެރެއިން، މި ލިސްޓުގައި ހިމެނުމަށް އެއްވެސް ގައުމެއްގެ ނަން ހުށަހަޅާފައި ނުވަނީ ހަމައެކަނި އިނގިރޭސި ވިލާތާއި ޖަރުމަނުންނެވެ.
މިއީ ޓެކްސް އަށް މަކަރު ހެދުމާ ދެކޮޅަށް އީޔޫން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިފަދަ ލިސްޓެއް ފުރަތަމަ ފަހަރަށް އާއްމުކުރުމުގެ އިތުރަށް، އީޔޫން ވަނީ ޓެކްސް އަށް މަކަރު ހަދާ ކަމުގެ ތުހުމަތުކޮށް، ގޫގްލް އާއި އެޕަލް ފަދަ ދުނިޔޭގެ އެންމެ ބޮޑެތި ބައެއް ކުންފުނިތަކާ ދެކޮޅަށް ތަހުގީގުތައް ވެސް ފަށާފަ އެވެ.
ޓެކްސް ދެއްކުން ކަށަވަރު ކުރުމަށް ބައިނަލްއަގުވާމީ ދުނިޔެއިންނާއި ޔޫރަޕުން ގެންގުޅޭ މިންގަނޑުތަކަށް ރާއްޖެއިން ފުރިހަަމަ އަށް ތަބާ ނުވާ ކަމަށް ބުނިއިރު، ޒަމާނީ ޓެކްސްގެ ނިޒާމެއް ރާއްޖެ އަށް ތައާރަފްކުރިތާ އަދި މިވީ ހަތަރުވަރަކަށް އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް