ރައީސާއި ނައިބް ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރަން ކޮމިޓީން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ވާދަ ކުރެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި އ...

19 Jun 2015 | 06:40

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ވާދަ ކުރެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި އިސްލާހު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އިސްލާހު ތަޅުމަށް ފޮޮނުވަން ފާސްކުރީ ސަރުކާރަށް ތާއިދު ކުރާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީހުން އެ އިސްލާހު ފާސްވުމަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ބޭނުންވާނެ އެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ އަގުލަބިއްޔަތެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގައި މިހާރު ތިއްބެވީ 44 މަޖިލިސް މެމްބަރުންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގައި ތިއްބެވީ ފަސް މަޖިލިސް މެމްބަރުންނެވެ.

މި އިސްލާހު ފާސްކުރަން އިދިކޮޅު ފަރާތްތަކުގެ ވޯޓު ސަރުކާރު ހިންގާ ޕާޓީއަށް ބޭނުންވެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެޕާޓީގެ މަޖިލީސް މެންބަރުންނަށް އެ އިސްލާހަށް ތާއީދު ކުރުމަށް އަންގަވާފަ އެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި އުމުރުން 65 އަހަރަށް ވުރެއް މަތީ އުމުރުގެ އެއްވެސް މީހަކަށް ރައީސް ކަމަކަށް ވާދައެއް ނުކުރެވޭ އެވެ.

އެ އިސްލާހު މަޖިލީހުން ފާސްވެއްޖެނަމަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވެރިކަމަކަށް ވާދައެއް ނުކުރެވޭނެ އެވެ. ގާސިމް އިބްރާހިމްގެ އުމުރުފުޅަކީ 65 އަހަރު ކަމުގައިވާއިރު، ރައީސް މައުމޫންގެ އުމުރުފުޅަކީ 77 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް