ނަޝީދަށް އަދަބު ލުއިކޮށްދެވޭނީ އިސްތިއުނާފު ކުރުމުން: ރައީސް

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަދަބު ލުއި ކޮށްދެވޭނީ އިސްތިއުނާފް މަރުހަލާ ފުރިހަމަ ކުރުމުން ކަމަށް ރައީސުލްޖުމްހޫރިއ...

19 Jun 2015 | 06:32

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަދަބު ލުއި ކޮށްދެވޭނީ އިސްތިއުނާފް މަރުހަލާ ފުރިހަމަ ކުރުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމްގެ އަދަބު ލުއިކޮށްދިނުމަށް އެމަނިކުފާނު ރައީސް ޔާމިނަށް ފޮނުއްވި ސިޓީއަކަށް ދެއްވެވި ޖަވާބުގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ވިދާޅުވީ ރައީސް ޔާމިން އެންމެ ފަހުން ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން މާފުށި ޖަލުން ރައީސް ނަޝީދުގެ ސިޓީއެއް ރައީސް އަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ސިޓީގެ ޖަވާބުގައި ނަޝީދަށް އަދަބު ލުއިކޮށްދެވޭނީ އިސްތިއުނާފް މަރުހަލާ ނިންމުމަށްފަހު އެކަމަށް އެދިވަޑައިގަތުމުން ކަމަށް ރައީސްގެ ސިޓީގައި ވިދާޅުވެފައިވާ ކަމަށްވެސް މުއާޒު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އަދަބު ލުއި ކޮށްދިނުމަށް އެމަނިކުފާނު ރައީސް ޔާމިނަށް ދަންނަވާފައި މިވަނީ ނަޝީދުގެ ގާނޫނީ ޓީމުން އެގޮތަށް އަމަލުކުރެއްވުމަށް ނަޝީދަށް ލަފާ ދެއްވާފައި ވަނިކޮށެވެ.

ރައީސް ނަޝީދުގެ އަދަބު ލުއި ކޮށްދިނުމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ވެސް ވަނީ ރައީސް ޔާމިނަށް ދަންނަވާފަ އެވެ.

ރައީސް ނަޝީދު މާފުށި ޖަލުގައި ހުންނަވާ "ޔުނިޓް 10" ގޮޅިއަށް މިމަހުގެ 14 ވަނަ ދުވަހު ރައީސް އޮފީހުން ސިޓީއެއް ފޮނުވާފައިވާ ކަން ނަޝީދުގެ ގާނޫނީ ޓީމުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް އެ ސިޓީގެ ތަފްސީލެއް ނުދެއްވަ އެވެ.

ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް