ހދ. ކުޅުދުއްފުށި ޕޯޓް އެކްސްޓެންޝަން ޕްރޮޖެކްޓްގެ މަސައްކަތްތައް ފެށުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު ސޮއިކޮށްފިއެވެ.
އެމްޕީއެލްއިން ބުނެފައިވާގޮތުގައި މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ބަނދަރަކީ ދިވެހިރާއްޖޭގެ ސަރަޙައްދީ ބަނދަރުތައް ތަރައްޤީކޮށް ދަތުރުފަތުރުގެ ވިއުގަ އަކުން ރަށްތައް ގުޅާލައި، އަތޮޅުތެރޭގެ ވިޔަފާރި ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙާއްޞަ އިސްކަމެއް ދެއްވައިގެން ތައްރައްޤީކުރުމަށް ރާވާފައިވާ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ބަނދަރެކެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑީސީޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާން އެވެ.
"މި މަޝްރޫޢުގެ އަމާޒަކީ ހއ. ހދ. ށ. ނ އަދި ވަށައިގެންވާ ރަށްތަކަށް ޚިދުމަތް ލިބޭނެހެން ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ޚާއްޞަކޮށް ލޮޖިސްޓިކަލް ހަބްއެއް ތަރައްޤީކުރުން، އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޯލްޑިންގ ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށާ އަދި ރައްޔިތުންނަށް ބޭނުންވާ މުދަލުގެ ބާވަތްތަކުގެ އިތުރުން ތަރުކާރީއާއި މޭވާ ފަދަ އަވަހަށް ހަލާކުވާ ބާވަތްތައް ތާޒާކަންމަތީ ރައްކާތެރިކަމާއެކު ބެހެއްޓޭނެފަދަ ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ރޭވިފައި" އެމްޕީއެލްއިން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ހދ. ކުޅުދުއްފުށި ބަނދަރު އެކްސްޓެންޑް ކުރުމުގެ މަޝްރޫޢު ފަށައިގަތުމަށް ސޮއިކުރެވުނު މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން އަތޮޅުތެރެއަށް މުދާ އުފުލާނެ ނިޒާމެއް ޤާއިމުކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅުކަން އެމްޕީއެލްއިން ފާހަގަކުރެއެވެ.
ސަރުކާރުގެ އަމާޒަކީ، އަތޮޅުތެރޭގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަންޖެހޭ ޚަރަދު ކުޑަކޮށް ހެޔޮ އަގެއްގައި އަތޮޅުތަކަށް މުދާ އެތެރެކުރެވި، ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަރައިގެން ދިއުމަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމެވެ. މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު ލާމަރުކަޒުކޮށް، ދިގު މުއްދަތުގެ ވިލުންތެރިކަން ހޯދައިދިނުމަށް ފިޔަވަހިތަކަކަށް ބަހާލައިގެން ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ދައްކުވައިދޭކަން އެމްޕީއެލްއިން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް