ބީއެމްއެލް އިސްލާމިކްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލަގްޒަރީ ރިސޯޓެއް އެއްކޮށް ތަރައްގީކުރުމަށް ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ފައިނޭންސިންގް ހަމަޖައްސައިފިއެވެ.
މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި ބީއެމްއެލްއިން ދެކެއެވެ.
ބީއެމްއެލްއިން ބުނެފައިވާގޮތުގައި 118 ކޮޓަރީގެ މި ފައިވް ސްޓަރ ރިސޯޓަކީ ރާއްޖޭގެ މަތީ ފަންތީގެ ކުންފުންޏެއް ކަމަށްވާ އެލިއާ ގްރޫޕާއި، މިހާރުވެސް ރާއްޖޭގައި 9 ރިސޯޓް ހިންގަމުންދާ ބައިނަލްއަގުވާމީ ކުންފުންޏެއްކަމަށްވާ އެޓްމޮސްފިއަރ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޖޮއިންޓް ވެންޗަރ، ސެންޓޯރިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑްއިން ތަރައްގީކުރާ ރިސޯޓެކެވެ.
"މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް" ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވިގޮތުގައި މިއީ ބީއެމްއެލް އިސްލާމިކްގެ ދަށުން ފައިނޭންސްކުރެވޭ ފުރަތަމަ ރިސޯޓް ޕްރޮޖެކްޓް އެކަންޏެއް ނޫނެވެ. މިއީ ރާއްޖޭގައި ޝަރީޢާ ހަމަތަކާ އެއްގޮތަށް މުޅިން ފައިނޭންސްކުރެވޭ ފުރަތަމަ އިސްލާމިކް ރިސޯޓް ފައިނޭންސިންގް ކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ މިއީ ކޯޕަރޭޓް ސެކްޓަރގައި އިސްލާމިކް ފައިނޭންސިންގ އިންސްޓްރޫމަންޓްތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
މި ފެސިލިޓީއާއެކު ރާއްޖޭގެ މާލީ ދާއިރާގައި ބޭންކް އޮފް މޯލްޑިވްސްއިން އަދާކުރަމުންދާ ދައުރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށާއި އަދި ޒިންމާދާރު ބޭންކިންގެ އަސާސްތައް ދެމެހެއްޓުމާއެކު އީޖާދީ ބޭންކިންގ ޚިދުމަތެއް ފޯރުރުކޮށްދިނުމަށް ބޭންކުންދޭ އަހުމިއްޔަތުކަން ހާމަވެގެންދާކަމުގައިވެސް ބޭންކުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް