އަކްބަރް ކިންގްޑަމްގައި ބީރުބޮލުވަޒީރު ކާޅު ގުނިގޮތުގެ ވާހަކަ !

އަކްބަރް ރަސްގެފާނާއި ބީރުބޮލުވަޒީރުގެ ވާހަކަތަކަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގްބޫލު ހެއްވާ މަޖާ، ޖޯކު ވާހަކަތަކަކަށް އޮންނަނީ ވެފައެވެ. އަކްބަރް ކިންގްޑަމްގައި ބީރުބޮލުވަޒީރު ކާޅު ގުނި ގޮތުގެ ...

19 May 2025 | 04:31

އަކްބަރް ރަސްގެފާނާއި ބީރުބޮލުވަޒީރުގެ ވާހަކަތަކަކީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގްބޫލު ހެއްވާ މަޖާ، ޖޯކު ވާހަކަތަކަކަށް އޮންނަނީ ވެފައެވެ.

އަކްބަރް ކިންގްޑަމްގައި ބީރުބޮލުވަޒީރު ކާޅު ގުނި ގޮތުގެ ވާހަކައަކީ އެއިން އެއް ވާހަކައެވެ.

އެއް ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އަކްބަރް ރަސްގެފާނާއި ބީރުބޮލުވަޒީރު އަކްބަރު ރަސްގެފާނުގެ ބަގީޗާއެއްގައި އޮލަ ވާހަކައެއްގައި ހިނގަމުންދިޔައެވެ. ބަގީޗާއިން މާ ގިނައިން ކާޅު ފެންނާތީ އަކްބަރް ރަސްގެފާނު ބީރުބޮލުވަޒީރަށް ސުވާލެއް ކުރިމަތިކުރުވިއެވެ.

"އަކްބަރު ކިންގްޑަމްގައި އުޅެނީ ކިތައް ކާޅު ހެއްޔެވެ !؟"

ހަމަ ވަގުތުން އެ އަދަދަކީ 99،249 ކާޅުކަމުގައި ބީރުބޮލުވަޒީރު ބުންޏެވެ.

އަކްބަރް ރަސްގެފާނު ހައިރާންކަމާއެކު އަނެއްކާ ސުވާލެއް ކުރިއެވެ.

"ތިޔަ ބުނާ އަދަދަށްވުރެ ކާޅު މަދު ނަމަ ނޫން ނަމަ ގިނަ ނަމަ؟"

އަނެއްކާވެސް ބީރުބޮލުވަޒީރުގެ ޖަވާބު އަވަސްވެފައި ސާދާއެވެ.

"ގިނަ ނަމަ އެއީ ޖެހިގެން އޮތް ކިންގްޑަމުން މި ކިންގްޑަމްގެ ކާޅުތައް ގާތަށް ޢާއިލީ ޒިޔާރަތްކުރާ ކާޅުތައް، މަދު ނަމަ އެއީ މި ކިންގްޑަމުން އެ ކިންގްޑަމްގެ ކާޅުތައް ގާތަށް ޢާއިލީ ޒިޔާރަށް ކުރުން"

ދިވެހިން ކާޅާއި ވާލާއެކު އުޅެން ދަސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި އިއްޔެ އަޑު އިވިގެންދިޔައީ ކާޅާއި ވާލުގެ އިންވެޓޮރީއެއް ނަގާ ވާހަކައެވެ.

ބެލެވޭގޮތުގައި ރާއްޖޭގެ ރަށްރަށުން ކާޅާއި ވާލުގެ ޢަދަދު ގުނޭނީ ބީރުބޮލުވަޒީރު ގުނި ކަހަލަ ގޮތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް