މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާ ބިމަށް ޖަމާވި ހައްޖުވެރިންގެ ޢަދަދު އިއްޔެއާއި ހަމައަށް ބައި މިލިޔަނަށް އަރާފައިވާކަމުގައި ސައޫދީ އަރަބިއްޔާގެ ޙައްޖު އަދި ޢުމްރާއާއިބެހޭ ވުޒާރާއިން ބުނެފިއެވެ.
އެގޮތުން އެ ވުޒާރާއިން ބުނެފައިވާގޮތުގައި އިއްޔެއާއިހަމައަށް 504،600 ހައްޖުވެރިން ވަނީ މައްކާއަށް ގޮސްފައެވެ. އެއީ ވައިގެ މަގުން 493،100، އެއްގަމު މަގުން 10،100 އަދި ކަނޑުމަގުން 1،400 އެވެ.
މި ޢަދަދަކީ މި އަހަރުގެ ޙައްޖު ކޯޓާ ދޫކޮށްފައިވާ ޖުމުލަ ޢަދަދުގެ 36 އިންސައްތަ ކަމުގައިވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއަށް ދީފައިވަނީ 1،000 ޙައްޖު ކޯޓާ އެވެ. ދިވެހި ޙައްޖުވެރިން ފުރަން ފަށާނީ މި މަހުގެ 26 ވާ ހޯމަ ދުވަހުގައެވެ.
ދިވެހި ޙައްޖުވެރިންގެ ހަތަރު ގްރޫޕެއް ހަތަރު ފްލައިޓެއްގައި ޙައްޖަށް ދަތުރުކުރާނެއެވެ. އެއީ 26 މެއި ގައި 235 ޙައްޖުވެރިން ސައޫދީ އެއާލައިނުގައި، 27 މެއި ގައި 257 ޙައްޖުވެރިން މޯލްޑިވިއަންގެ ފްލައިޓެއްގައި، 29 މެއި ގައި 250 ޙައްޖުވެރިން މޯލްޑިވިއަންގެ ފްލައިޓެއްގައި، 30 މެއި ގައި 250 ޙައްޖުވެރިން ސައޫދީ އެއާލައިނުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް