"ޕޮއެޓްރީ ތެރަޕީ"ގެ ނަން "ޅެންފަރުވާ" އަށް ބަދަލުކޮށް ދިވެހިބަހުގެ އެކަޑަމީގެ ބަސްކޮމިޓީން ދިރާސާތަށް ފަށަން ނިންމައިފިއެވެ.
ޅެން ފަރުވާގެ މާނައަކީ ދިވެހިބަހުގައި، ބަލި މީހާގެ އިޙްސާސްތަކާއި އުދާސްތަކާއި ގުޅޭގޮތުން ޅެން ހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ތަސައްލީ ގެނެސްދޭނެ ކަމެއް ކަމުގައި ބަސް ކޮމިޓީން ވަނީ ބުނެފައެވެ.
ޅެމުން ފަރުވާ ހޯދުމަކީ ގަދީމީ ޒަމާނުން ސުރެން ހަޟާރާތްތަކުގައި ތަފާތު ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ބޭނުން ކުރަމުން އަންނަ ފަރުވާއެއް ކަމަށް ބަސްކޮމިޓީގެ ނިންމުމުގައި ބުނެފައި ވެއެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި، ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި ޅެންފަރުވާގެ ޢިލްމީ ދިރާސާތަކުގެ މަސައްކަތްކުރިއަށް ގެންދިޔުމަށް އެކުލަވާލެވިފައިވާ ފަހުމާނުގައި ސޮއެ ކުރުން މި މަހު 22 ވާ ބުދަ ދުވަހުގައި އޮންނާނެއެވެ. މި ފަހުމާނުގެ ދަށުން ޅެންފަރުވާއާއި ބެހޭ ޢިލްމީ ދިރާސާތައް ކުރުމާއި ޅެން ތައް ބޭނުންކޮށްގެން ނަފްސާނީ ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސޫލުތަކުގެ މައްޗަށް ދިރާސާތައް ކުރެވިގެން ދާނެއެވެ. މި ފަހުމާނުގެ ދަށުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއިއެކު ދިވެހި ބަސް ކުރިއެރުވުމަށް ކުރެވޭ އިތުރު ދިރާސާތަށް ކުރުމަށްވެސް ވަނީ ހަމަޖެހިފައިކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މިއަހަރު ޅެން ވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، ދިވެހި ޅެން ވެރިކަން ބޭނުންކޮށްގެން ނަފްސާނީ ޙާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމަށް ދިރާސާ ކުރައްވާނެ ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވީ ޅެންވެރިކަމާއި ބަހުގެ އެ ފަދަ ފަންނުތަކުން ދުނިޔޭގެ ކުރިއަރަފައިވާ މުޖުތަމަޢުތަކުގައި ހިފާ، ޢިލްމީ ބޭނުންތައް ދިވެހި ބަހުން ދިވެހީންގެ ތެރޭގައި އޮތުމަކީ ދިވެހީންގެ އަމިއްލަވަންތަކަމާއި ތަހުޒީބަށް ޓަކައި މުހިންމު ކަމެއް ކަމަށެވެ.
ދިވެހި ބަހުގެ ތާރީހާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ މި މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ދާއިރާގެ ފަންނީ ބޭފުޅުންނާ އެ ވުޒާރާއިން ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް