އައްޑޫގެ ދެކުނުން އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ކުޑަކަމުގައި މެޓުން ބުނެފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނީ އެ ކޮޅިގަނޑުގެ ބާރު ގަދަވަމުން އައިނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ކުޑަކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސަދަން ހެމިސްފިއާގައި އުފެދުނު އެ ކޮޅިގަނޑު އިއްޔެ ރާއްޖެއާއި ދިމާއަށް ދަތުރުކުރިނަމަވެސް މިވަގުތު ރާއްޖެއާއި ކޮންމެވެސް ވަރަކަށް ދުރަށް ގޮސްފައިވީނަމަވެސް ކޮޅިގަނޑުގެ ބާރު ދިޔައީ ވަރުގަދަވަމުންނެވެ. އެހެންނަމަވެސް ފަތިހު 05:00 އާއި ހެނދުނު 11:00 އާއި ދެމެދު މި ކޮޅިގަނޑުގެ ބާރު ކުޑަކޮށް ދަށްވެފައިވާކަމަށް ޕާލް ހާބާގައި ގާއިމްކޮށްފައި ހުންނަ ޖޮއިންޓް ޓައިފޫން ވާނިންގ ސެންޓަރ (ޖޭޓީޑަބްލިއުސީ) ގެ ޑާޓާ އިން ދައްކައެވެ.
މޫސުން ގޯސްވާނެކަމަށް ދުރާލާ ލަފާކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން ފަސް ދުވަހަށް މޫސުން ގޯސްވާނެކަމަށް މެޓުން ބުނެ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.
މެޓުން މިއަދު ބުނެފައިވާގޮތުގައި މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެއެވެ. ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ. އަދި ރާޅުގެ އުސްމިން ހަތަރު ފޫޓާއި ނުވަ ފޫޓާއި ދެމެދުގައި ހުރި އިރު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުވެސް ފޯރުން އެކަށީގެންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް