އެންދަމަން މޫދަށް ފޭބި މަސްވެރިއަކަށް މިޔަރެއް ހަމަަލާދީ ޒަހަމް ކޮށްލައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ މަސްވެރިކަމާއި ގުޅުންހުރި ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ މަސްވެރިން އެމްވީ ގައެވެ.
އެގޮތުން މި ހާދިސާ ހިނގާފައި ވަނީ ފ.ބިލެއްދޫގައި ފާނަ މަސްވެރިކަން ކުރަމުން އަންނަ ގުރުވަ ނަމަކަށް ކިޔާ ދޯނިން އެންދަމަން މިއަދު ހެނދުނުގެ ވަގުތެއްގައި ފަޅުވެރިއަކު މޫދަށް ފުންމާލައިގެން އުޅުމުގެ ތެރޭގައެވެ.
އަދި އެންދަމަން ފިލިލާން ފޭބި މި މީހާގެ ފައިގެ ކުޑަކަޅުވާގައި މިޔަރު ދަތްއެޅުމުގެ ސަބަބުން އެތަނުން ބައެއް ވަނީ ނައްޓައިގެން ގޮސް ޒަހަމްތަކެއް ލިބިފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ޒަހަމްވި ފަޅުވެރިޔާއަށް މިހާރު މ. މުލީ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ރަނގަޅު ނަމަވެސް ފައިގެ ނާރުތަކަށް އިތުރު ގެއްލުންތަކެއް ލިބިފައި ވޭތޯ ބެލުމަށް ޓެސްޓްތައް ހެދުމަށް މިއަދު މާލެ ގެންދަން ވަނީ ނިންމާފައެވެ.
ރާއްޖޭގެ ކަނޑުތަކުން މިޔަރު ބޭނުން މަނާކުރުމާއި ގުޅިގެން ފާއިތުވި މުއްދަތުގައި ރާއްޖޭގެ ކަނޑުފަޅުތަކުން މިޔަރު ފެންނަ ވަރު ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު، ހުރިހާ ބާވަތެއްގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ވެސް މިއަރުގެ އުނދަގޫ ޖެހެމުން އަންނާތީ އެ ޝަކުވާވެސް މިހާރުވަނީ ބޮޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް