ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ ބޮޑީގާޑު10،000 އަށްވުރެ ގިނަ އިންޑިއަން ރުޕީސްއިން ޖޫރިމަނާ ކޮށްފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާގެ ބޮޑީގާޑު ސޯނޫ ޝެއިހް ޖޫރިމަނާ ކުރީ ލައިނެންސް ނެތި ސައިކަލް ދުއްވުމާއި ހެލްމެޓު ނާޅައި ސައިކަލް ދުއްވުމުންނެވެ. އޭނާ ޖޫރިމަނާ ކުރީ10،500 ރުޕީސްއިންނެވެ.
އޭނާއަށް ޖޫރިމަނާ އައީ މިދިޔަ ހޯމަ ދުވަހު އަނުޝްކާ ގޮވައިގެން ތަނަކަށް ދަނިކޮށް މަގު މައްޗަށް ގަހެއް ވެއްޓިފައި އޮތުމުން ކާރަށް ދަތުރު ކުރެވޭ ގޮތް ނުވެގެން އަނުޝްކާ ގޮވައިގެން ސައިކަލެއްގައި ދަތުރު ކުރުމުންނެވެ. މި ދަތުރު ކުރި އިރު އަނުޝްކާވެސް އިނީ ހެލްމެޓު ނާޅަ އެވެ.
އިންޑިއާގެ ގާނޫނު ބުނާގޮތުގައި ސައިކަލް ދުއްވާ މީހާ އާއި ފަހަތުގައި އިންނަ މީހާވެސް ހެލްމެޓު އަޅަން ޖެހެ އެވެ. ސޯޝަލް މީޑިއާގައި އަނުޝްކާ ބޮޑީގާޑާއި އެކު ސައިކަލްގައި ދާ ވީޑިއޯ އާންމުވުމުން ގިނަ ބަޔަކު ފާޑޫކިޔާފައިވެ އެވެ.
މުމްބާއީ ފުލުހުން އެ މައްސަލަ ބަލައި ފިޔަވަޅު އެޅީ އާންމުންގެ މީހަކު ހުށަހެޅި މައްސަލަ އަކާއި ގުޅިގެން މިދިޔަ ބުދަ ދުވަހު އެވެ. ފިޔަވަޅު އެޅި އިރު އަނުޝްކާ ޖޫރިމަނާ ނުކުރާތީވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެ އެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަމީތާބު ބައްޗަންވެސް ވަނީ މަގުމަތިން ދިޔަ މީހެއްގެ ސައިކަލު ފަހަތަށް އަރައިގެން ޝޫޓިންއަށް ދިޔުން ލަސްވާތީ ގޮސްފައި އެވެ. އެ ދުވަހު އާންމުންގެ ފާޑުކިޔުން އަމާޒުވުމުން އަމީތާބު ސޯޝަލް މީޑިއާގައި ބުނީ ހެލްމެޓު ނާޅައި ސައިކަލް ދުއްވީ ނަގަން ޖެހޭ ހުއްދަތައް އޮތުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް