ކުރިއަށް އޮތް ޖޫން މަހުން ފެށިގެން ކުނި ބަލައިގަންނާނީ އެ ކުނި ބައިތަކަށް ވަކިކުރެވިފައިވާނަމަ ކަމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ ވެމްކޯއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކެވެ. މި މައްސަލައަށް އެދެވިގެންވާ ހައްލެއް ގެނައުމަށްޓަކައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން 2021، 17 އޯގަސްޓްގައި ގެޒެޓްކޮށްފައިވާ ދިވެހިރާއްޖޭގެ ކުނި މެނޭޖްކުރުމާބެހޭ ގަވާއިދުގެ ފަސްވަނަ އިސްލާހުގައިވާ ގޮތުން އުކާލުމަށް ނެރޭ ކަނޑައެޅިފައިވާ ބައިބަޔަށް ވަކިކުރުމަށް ވަނީ ނިންމާފައިވާއިރު ދިވެހިރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން، މަތީގައި ބަޔާންކުރެވިފައިވާ ގަވާއިދުގައިވާ ކަންކަމުގެ ސަބަބުން، ކުނި މެނޭޖްކުރުމަށް ހުރި ގޮންޖެހުންތަކަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އެ ކޯޕަރޭޝަނުން ގަބޫލުކުރާކަމަށެވެ.
"މިގޮތުން 2022، ޖޫން 1 ވަނަ ދުވަހުން ފެށިގެން އުކާލުމަށް ތައްޔާރުކުރާ ކުނި ހުންނަވަންވާނީ ތިރީގައި ބަޔާންކުރެވިފައިވާ އުސޫލުން ވަކި ކުރެވިފައެވެ. މިބާވަތްތައް ބަންދުކުރުމުގައި އެއްކުނީގެ ބާވަތް އަނެއް ކުންޏާއި އެއް ނުވާނޭހެން، ވަކި ކޮތަޅުގައި ބަންދުކުރުމަށް ސަމާލުވުމަށް ދަންނަވަމެވެ. " ވެމްކޯއިން ބުނެފައިވެއެވެެ.
އެގޮތުން
ފުރަމާލެ ސަރަހައްދު
- ކުނިވާ ޒާތުގެ ކުންޏާއި، އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
- ޕްލާސްޓިކް ފުޅި
- މަތީގައި ބަޔާންކުރެވިފައިވާ ކުނީގެ ބާވަތްތައް ފިޔަވާ އެހެނިހެން ހުރިހާ ބާވަތެއްގެ ކުނި
ފުރަމާލެ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރށްރަށާއި، ސިނާއީ ރަށްރަށް، އަދި ޓޫރިސްޓް ރިސޯޓްތައް
- ކުނިވާ ޒާތުގެ ކުންޏާއި، އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
- ޕްލާސްޓިކް ފުޅި
- މައުދަނާއި ބިއްލޫރީގެ ބާވަތްތައް
- މަތީގައި ބަޔާންކުރެވިފައިވާ ކުނީގެ ބާވަތްތައް ފިޔަވާ އެހެނިހެން ހުރިހާ ބާވަތެއްގެ ކުނި
ވެމްކޯއިން ބުނެފައިވަނީ މަތީގައި ބަޔާންކުރެވިފައިވާ ބާވަތްތައް ބަންދުކުރުމުގައި އެއް ކުނީގެ ބާވަތް އަނެއް ކުންޏާއި އެއް ނުވާނޭހެން، ވަކި ކޮތަޅުގައި ބަންދުކުރުމަށް ސަމާލުވުމަށް ދަންނަވާކަމަށާއި މީގެ އިތުރުން، ދުވަހު ކުނީގެ ގޮތުގައި ނުހިމެނޭ ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކޯޕަރޭޝަންގެ "ކޯލް އެންޑް ޕިކަޕް" (CAPS) ހިދުމަތް ނުވަތަ ކުލީ ޕިކަޕްގައި އެހެން ކުންޏާއި އެއްނުވާނޭހެން އުކާލެވިދާނެ ކަމަށެވެ. މި އުސޫލުގެ ދަށުން، އެ ކޯޕަރޭޝަންގެ ކުނި އުކާލުމުގެ ހިދުމަތަށް ރަޖިސްޓަރ ކުރެވިފައިވާ ގޭބިސީ، ވިޔަފާރި އަދި އަމިއްލަ ސައިޓަށް ދުރުވެ ކުނި އުކާލާ ފަރާތްތަކަށް ވެސް އަމަލުކުރެވިންދާނެ ކަމަށާއި މީގެ އިތުރުން ފުރަމާލެ ސަރަހައްދުން ބޭރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން އުޅަނދުގައި ކުނި ބަރުކޮށްގެން ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓަށް ދުރުވެ ކުނި އުކާލާ ފަރާތްތަކުން ބަޔާންކުރެވިފައިވާ ހަތަރު ބަޔަށް ކުނި ވަކިކޮށްގެން އުފުލުމަށް ސަމާލުވުމަށް އެދޭކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
" މަތީގައި ބަޔާންކުރެވިފައިވާ ގާނޫނުގެ ދަށުން، އެ އުސޫލަށް އަމަލުކުރުމަށް ގާނޫނީ ގޮތުން މި ކޯޕަރޭޝަނަށް ވަނީ ލާޒިމުކުރެވިފައެވެ. އަދި ބަޔާންކުރެވިފައިވާ ބައިތަކަށް ކުނި ވަކިކޮށްފައި ނުވާނަމަ، އެކުނި ބަލައިނުގަތުމުގެ އިހްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވާކަން ހިދުމަތް ހޯއްދަވާ އެންމެހާ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. " ވެމްކޯއިން ބުނެފައިވެއެވެ.
ވެމްކޯއިން އިތުރަށް ބުނެފައިވަނީ ކުނި ވަކިކުރުމަކީ ދުނިޔޭގެ ތަހުޒީބީ ގިނަ މުޖްތަމައުތަކެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުގެ ތެރެއިން ކާމިޔާބުކަމާއެކީ ތަޖުރިބާކޮށްފައިވާ ކަމެއް ކަމަށާއި މިގޮތުން މި ގެނެވޭ މި ބަދަލާއިއެކު، އުކާލުމަށް ނެރޭ ކުނީގެ ބާވަތްތައް ރީސައިކަލްކޮށްގެން އިތުރު ނަފާއެއް ހޯދުމުގެ ފުރުސަތު ލިބުމާއި، މެނޭޖްކުރަން ޖެހޭ ކުނީގެ އަދަދު ނިސްބަތުން މަދުވުމުގެ އިތުރުން، ދެމެހެއްޓެނިވި އުސޫލަކުން ކުނި މެނޭޖްކުރުމަށް އިތުރު ލުއި ފަސޭހަތަކެއް އެ ކޯޕަރޭޝަނަށް ލިބިގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް