އިންޑިއާގެ މަޝްހޫރު ސިދޫ ކުރި ކުށަކަށް، 34 އަހަރު ފަހުން އަހަރު ދުވަހުގެ ޖަލު ހުކުމެއް!

އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި މިހާރު ސިޔާސީ ދާއިރާގައި މަޝްހޫރު ނަވްޖޯތު ސިންގް ސިދޫ ކުރި ކުށަކަށް34 އަހަރު ފަހުން ޖަލު ހުކުމެއް އަތުވެއްޖެ އެވެ. 1988 ވަނަ އަހަރު ކުރި އެ ކުށަށ...

19 May 2022 | 13:08

އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި މިހާރު ސިޔާސީ ދާއިރާގައި މަޝްހޫރު ނަވްޖޯތު ސިންގް ސިދޫ ކުރި ކުށަކަށް34 އަހަރު ފަހުން ޖަލު ހުކުމެއް އަތުވެއްޖެ އެވެ.

1988 ވަނަ އަހަރު ކުރި އެ ކުށަށް މިއަދު އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ސިދޫ އާއި ދެކޮޅަށް މައްސަލައިގަ ނިންމައި އަހަރު ދުވަހަށް އޭނާ ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. ހުކުމް ތަންފީޒު ކުރުމަށް ޕަންޖާބު ފުލުހުން އޭނާ މިއަދުގެ ވަގުތެއްގައި ޖަލަށް ގެންދާނެ ކަމަށް ވެ އެވެ.

ސިދޫ އެ އަހަރު ކުރި ކުށަކީ ޕަންޖާބުގެ ސިޓީއެއް ކަމަށްވާ ޕަޓިއާލާގައި އެކުވެރިޔަކާއި އެކު ކާރުގައި ގޮސް ކާރު ޕާކް ކުރަން އުޅުމުގެ ތެރޭގައި މީހަކާއި ހިނގި ހަމަ ނުޖެހުމެއްގައި އެމީހާ މަރާލުމުންނެވެ. ސިދޫ އެމީހާއަށް ކާރު ޕާކު ކުރާނެ ތަން ނުދީ ހިތް ހަމަނުޖެހިގެން އައި ރުޅީގައި ގޮސް އެމީހާ ކާރު ދަމާފައި ނެރެ އަނިޔާ ކުރި ކަމަށްވެ އެވެ.

އެމީހާ މަރުވީ ސިދޫ އާއި އޭނާގެ އެކުވެރިޔާ ކުރި އަނިޔާތަކަށް ފަރުވާ ދެނިކޮށެވެ.

މި މައްސަލައިގަ ޓްރަޔަލް ކޯޓުން އޭނާ ދޫކޮށްލާފައިވަނިކޮށް2006 ވަނަ އަހަރު ޕަންޖާބު ހައި ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. އެ މައްސަލަ ސިދޫގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން2018 ވަނަ އަހަރު ސީދޫ އާއި ދެކޮޅަށް މައްސަލަ ނިންމައި އޭނާ1،000 އިންޑިއަން ރުޕީސްއިން ޖޫރިމަނާ ކުރުން ފިޔަވާ އިތުރު އަދަބެއް ނުދެ އެވެ.

އެހެންވެ އެ ހާދިސާގައި މަރުވި އާއިލާއިން ވަނީ އަލުން އެ މައްސަލަ ބަލައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. މިއަދު ކޯޓުން ސިދޫއަށް ހުކުމް އިއްވީ އަލުން އެ މައްސަލަ ރިވިއު ކުރުމަށް ފަހު އެވެ.

ސިދޫއަށް އެއް އަހަރުގެ ޖަލު ހުކުމެއް އައި އިރު އޭނާ އަކީ އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ. އޭނާ ވަނީ ޕަންޖާބް ލޯކަލް ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަން ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް