ގަލޮޅު ސްކޫލްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އަލުން ބަލައިދޭން އެދެފި

ގަލޮޅު ސްކޫލްގައި ކިޔަވަމުންދިޔަ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ސުކޫލުގެ މަސައްކަތު މީހާގެ މައްޗަށް ދައުވާ ނުކުރާން ދައުލަތުން ނިންމުމާއި ގުޅިގެން އެ ނިންމުން މުރާޖ...

19 May 2022 | 09:13

ގަލޮޅު ސްކޫލްގައި ކިޔަވަމުންދިޔަ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ސުކޫލުގެ މަސައްކަތު މީހާގެ މައްޗަށް ދައުވާ ނުކުރާން ދައުލަތުން ނިންމުމާއި ގުޅިގެން އެ ނިންމުން މުރާޖައާކޮށްދޭން އެކުއްޖާގެ އާއިލާއިން އެދިއްޖެއެވެ.

އެކުއްޖާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުކޫލުން ބަޔާން ނެރެފައިވަނީ ދޮގު މައުލޫމާތުތަކެއް ހިމަނައިގެން ކަމަށެވެ. އެ މައްސަލަ ރިޕޯޓު ކުރުމުން ސުކޫލުން އެންމެ އެކަށޭނެ ގޮތެއްގައި ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ.

އާއިލާ އިން ބުނީ، މި ހާދިސާއާ ގުޅިގެން ވަކި މީހަކަށް ޖިނާއީ ދައުވާ އެއް ކުރެވޭ ވަރަށް ހެކި ހޯދިފައި ނެތުމަކީ ސްކޫލުން ކުއްޖާއަށް އަނިޔާ ނުލިބޭ ކަމަށް ނިންމޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އެ ހާދިސާއާއި ގުޅިގެން ސުކޫލުން ކުރި މަސައްކަތުގެ މައުލޫމާތު ހާމަ ކުރުމަށްވެސް އާއިލާއިން ވަނީ ގޮވާލާފައެވެ. އާއިލާއިން ވަނީ ސްކޫލުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށާއި މިއަދާ ހަމައަށް ވެސް ބައްދަލުކޮށް އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިނުވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ސުކޫލުން ޒިންމާ އަދާކޮށްފައިނުވާ ކަމަށާއި އެފަދަ އަނިޔާއެއް ދީފައިވާ މުވައްޒަފަކާއިމެދު ކަންބޮޑުވުން ނެތް ކަމަށް ސުކޫލުން ނިންމުމަކީ އެފަދަ ހާދިސާއެއް ތަކުރާރުވުމަށް ހުޅުވިގެންދާ ދޮރެއް ކަމަށް ވެސް ކުއްޖާގެ އާއިލާއިންނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ގަލޮޅު ސްކޫލްގައި ކިޔަވަމުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަދި އެ ކުއްޖާއަށް ސުކޫލު ތެރޭގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެސުކޫލުގައި މަސައްކަތް ކުރި 63 އަހަރުގެ ދިވެހި އަންހެނަކުވަނީ ހައްޔަރުވެސް ކޮށްފައެވެ.

އެހެން ނަމަވެސް އެމައްސަލާގައި ހައްޔަރުކުރި އަންހެންމީހާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ދައުލަތުގެ ފަރާތުން އެންގުމުން ޖެހިގެން އައި ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް