ކުރިޔަށް އޮތް އަލްހާ އީދު ބަންދާއި ދިމާކޮށްވެސް މޯލްޑިވިއަންއިން މެލޭޝިއާއަށް ހާއްސަ ދަތުރުތަކެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
މޯލްޑިވިއަންއިން ބުނީ މިފަހަރު ހަތަރު ދަތުރު މެލޭޝިއާއަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ އަށެއް، 15 ،22 އަދި 29 ވަނަ ދުވަހު އެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކްރިލޭޝަންސްގެ ފަރާތުން އަހުމަދު މުޝްއިލް ވިދާޅުވީ ދަތުރުތަކާއި ގުޅޭ އިތުރު މައުލޫމާތު ހޯދައި ޓިކެޓު ނެގުމުގެ ހިދުމަތް މިހާރު އީމެއިލް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.
މުޝްއިލް ވިދާޅުވީ ބެގޭޖް އެލަވަންސްގެ ގޮތުގައި 20 ކިލޯ ލިބޭނެ ކަމަށެވެ. އަދި އިތުރުވާ ކޮންމެ ކިލޯއަކަށް 10 ޑޮލަރުގެ ފީއެއް ނަގާނެ ކަމަށް ވިދާޅުވި އެވެ.
މިދަތުރުތަކުގެ ދެކޮޅު ދަތުރުގެ ޓިކެޓުގެ އަގު ފެށެނީ 399 ޑޮލަރުންނެވެ.
މޯލްޑިވިއަންއިން ވަނީ މިދިޔަ ކުޑަ އީދަށް ހާއްސަކޮށްވެސް މެލޭޝިއާގެ ކުއާލަލަންޕޫރަށް ދެ ދަތުރުކޮށްފަ އެވެ.
އެ އެއާލައިނުން ބުނީ މިއީ އީދުގައި އާއިލާ އާއި ރަހުމަތްތެރިންނާއި އެކު ޗުއްޓީ ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ބާއްވާ ދަތުރުތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް