ދަރަވަންދޫގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް، އެކަކު ހައްޔަރުކޮށްފި

ބ. ދަރަވަންދޫގައި ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއްގައިއެކަކު ހައްޔަރުކޮށްފި އެވެ. މައުލޫމާތު ލިބޭ ގޮތުގައި މި އޮޕަރޭޝަނަކީ ގިނަ އަދަދެއްގެ ފުލުހުންތަކެއް ރަށަށް ...

19 May 2021 | 16:49

ބ. ދަރަވަންދޫގައި ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއްގައިއެކަކު ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި އޮޕަރޭޝަނަކީ ގިނަ އަދަދެއްގެ ފުލުހުންތަކެއް ރަށަށް އަރައިގެން ހިންގާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އިތުރު މައުލޫމާތެއް ނުދެ އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ފުލުހުން އެ ރަށުން ހައްޔަރުކޮށްފައިވަނީ އަހުމަދު ފާތިހު ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ އެ ރަށު މީހަކާ ކައިވެނި ކުރުމަށް މިދިޔަ ހަފްތާގެ ތެރޭގައި އެ ދަރަވަންދުއަށް އެރި މީހެކެވެ، އަދި އޭނާ ހައްޔަރުކުރީ ކަރަންޓީނުގައި ހުއްޓާކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، ފުލުހުން ގެންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. ސިފައިން ދަނީ މާލޭ ތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

ހަރުކަށި ފިކުރުގެ ވިސްނުން ފެތުރުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތަށް ރޭ ވެސް ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.

އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން މީގެ ކުރިން ޖަލަށްލާފައިވާ އުމުރުން 43 އަހަރުގެ އަބްދުﷲ އަލީ މަނިކު މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގައި ވެސް ފުލުހުން އޮޕަރޭޝަނެއް ހިންގައި އައިއެސް ޖަމާއަތާ ގުޅުން އޮތް ހަތް މީހަކު ހައްޔަރުކޮށް ވަނީ ބަންދު ޖަހާފަ އެވެ. އޭގެ ފަހުން ކ. ގުރައިދޫއާ އިންވެގެން އޮންނަ ކުޑަ ފަޅު ރަށެއް ކަމަށްވާ ޅޮސްފުށި ވެސް ފުލުހުން ވަނީ ބަލާފާސްކޮށްފަ އެވެ.

މި އޮޕަރޭޝަންތަކާ ގުޅޭ ތަފްސީލީ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް