މަޝްހޫރު ދީނީ ޢިމްލުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފުގެ ދަރިފުޅަށް ފަރުވާ ނުދެވި ލަަސްވުމުން އެކަމާ ހިތްހަމަނުޖެހިވަޑައިގެން ނުރުހުން ފާޅުކޮށްފިއެވެ.
'ދުވަސް' އަށް މައުލޫމާތު ދެއްވަމުން އިޔާޒް ވިދާޅުވީ، ދަރިފުޅު އިނީ ވިހަން ތައްޔާރުވެފައި ކަމަށާއި، މިއަދު މެންދުރުން ފެށިގެން ބަނޑުގައިވާ ދަރިފުޅު ނުތޮޅޭކަމަށެވެ. އެހެންކަމުން ހަވީރު އެޗްޕީއޭއަށް ގުޅީ، އެއީ ކޮވިޑް ޕޭޝަންޓަކަށްވުމުން ކަމަށެވެ. ހޮސްޕިޓަލަށް ދެވޭނީ އެބޭފުޅުންގެ ވެހިކަލްގައި އައުމުންކަމަށް ވިޔަސް، ވެހިކަލް ފޮނުވަނީއޭ ބުނި ނަމަވެސް ލަސްވުމުން ސައިކަލުގައި ކޮވިޑް ސެންޓަރަށް ގެންދިޔަކަމަށް އިޔާޒް ވިދާޅުވިއެވެ.
ނަމަވެސް ކޮވިޑް ސެންޓަރުން މާބަނޑު މީހުނަށް ދެވޭނެ ފަރުވާއެއް ނެތް ކަމަށް ބުނެ، ދަރުމަވަންތައަށް ދިއުމަށް އެ ސެންޓަރުން އެދުނު ކަމަށް އިޔާޒް ބުނެއެވެ.
" ދަރުމަވަންތައަށް ދިޔައިރު އެތަން ހުރީ ތަޅުލާފަ. ދެން އަޅުގަނޑު އޭނަ ގޮވައިގެން މިދިޔައީ އައިޖީއެމްއެޗްއަށް. އެތާނގެ މާބަނޑުމީހުންގެ ކްލިނިކަށް، ދިޔައީމަ އެއީ ކޮވިޑް ޕޭޝަންޓްއަަކަށް ވުމުން ދެން އެމީހުން ކަންތައްކުރަންވީ ގޮތެއް ނޭނގިގެން އެތައް އިރެއްވި. އެކަމަކު އަޅުގަނޑުގެ ދަރިފުޅު މި ބުނަނީ ބަނޑުގައި އޮތް ބޭބީއެއް ނުއެއް ތޮޅެއޭ" ހާދިސާ ހިނގިގޮތް ހިއްސާކުރަމުން އިޔާޒް ވިދާޅުވިއެވެ.
އިޔާޒް ވިދާޅުވީ، ޝަކުވާ ކުރީ ފަރުވާ ނުފެށި މާބޮޑަށް ލަސްވެގެންދާތީ ކަމަށެވެ.
"މިހާރު ދެން ފަރުވާ ކުރިއަށް އެބަދޭ. އެހެން ނަމަވެސް ރައީސް ނަޝީދަށްވެސް ހާދިސާ ހިނގިތާ10 މިނެޓް ތެރޭގައި އޮޕަރޭޝަން ތިއޭޓަރަށް ގެންދެވުނުކަމަށް މައުލޫމާތު ލިބެނީ. ހަމަ އެހެން ވާންޖެހޭނެދެއްތޯ އެންމެ އާދައިގެ ރައްޔިތަކަށްވެސް. ފަރުވާގައި ލަސްވެގެން ނުނާނެ ނޫންތޯ. ވަކި މޮޅު މީހެއް ދެރަމީހެއް ތަފާތު ވެގެން ނުވާނެނޫންތޯ." އިޔާޒް ފާހަގަކުރެއްވިއެވެ.
ދަރިފުޅަށް މިހާރު ފަރުވާ ދެމުން ދާ ކަމަށާއި، ދެންމެ ގުޅާލުމުންވެސް، ތޮޅުން މަޑުކަމުގައި އިޔާޒް ވިދާޅުވިއެވެ. ނަމަވެސް އަދި ވަކި 'ޑިސިޝަންއެއް' ނުނަގާކަމަށް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް