މަގާމާ ހަވާލުވެވަޑައިގެންތާ ދެ ދުވަސް: މޭޔަރު މުއިއްޒުގެ މަސައްކަތްތައް މެކުހަށް

ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން މަގާމުގެ ހުވާ ކުރައްވާފައި ވަނީ މި މަހުގެ17 ވަނަ ދުވަހުއެވެ. މަގާމުގެ ހުވާކުރިތާ މިއަދަށް މިވީ އެންމެ ދެ ދުވަހެވެ. ނަމަވެސް މާލެސިޓީ ކައުންސިލްގެ މޭޔަރު...

19 May 2021 | 11:07

ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން މަގާމުގެ ހުވާ ކުރައްވާފައި ވަނީ މި މަހުގެ17 ވަނަ ދުވަހުއެވެ. މަގާމުގެ ހުވާކުރިތާ މިއަދަށް މިވީ އެންމެ ދެ ދުވަހެވެ.

ނަމަވެސް މާލެސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމާ ހަވާލުވެ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެ މިވަނީ މަސައްކަތްތައް މެކުހަށް ޖައްސަވާފައެވެ.

https://twitter.com/MuizzuMayor/status/1394899747173924864

މާލެ ވިޔަފާރިވެރިންގެ މިސްކިތުގެ އުތުރުން އޮތް ބިން ސާފު ކުރުމުގެ މަސައްކަތް ބައްލަވާލަން މިއަދު ވަޑައިގެން ހުންނެވިއިރު، މިސްކިތްތަކުގެ ހާލަތު ހުރިގޮތް ބެލުމުގެ މަސައްކަތް ފަށާނެކަމަށް ރޭ މުއިއްޒު ވިދާޅުވެފައި ވެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ޓެކްސީ ޑްރައިވަރުންގެ އަތުން ޕާކިން ފީ ގޮތުގައި ނަގަމުންދާ 3000 ރުފިޔާ 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާކަމަށެވެ. މުއިއްޒު ވިދާޅުވީ، މިހާރު ޓެކްސީ ޑްރައިވަރުންގެ އަތުން ޕާކިން ފީ ނަގަމުންދަނީ އެންމެ އިންސާފުވެރި އަގުތަކެއްގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުންވެސް މާލެ އާއި ވިލިމާލެގެ ހުސްބިންތައް ބޭނުން ކުރުމުގެ ޕްލޭނެއް ރައްޔިތުންގެ މަޝްވަރާއާއި ހިޔާލާ އެކީ އެއް މަސް ތެރޭ ނިންމާނެ ކަމަށާއި ޕާރކުތަކާއި މައިޒާން ތަކުގެ އާބަތުރަފިލުވާ މަރާމަތު ކުރުމަށްޓަކައި މިހާރު އެތަންތަން ހުރި ހާލަތު ބަލައި ރިޕޯޓެއް ތައްޔާރު ކުރުމަށް ފެށިފައި ވާކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވަމުން މުއިއްޒު ވިދާޅުވީ ގުދަން، ގަރާޖު އަދި ވޯކްޝޮޕްތައް ސިނާއި އަވަށަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށާއި މިކަމާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާތަކާ މަޝްވަރާކޮށް އޭގެ ޕްލޭން ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

އަދި މާލެގެ މަގުތައް ބަންދު ކުރުމުގެ ގަވާއިދެއް ހެދުމަށް ނިންމައި، މިގަވާއިދު ހެދުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހިމަނާނެކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

މާލޭގެ މަގުތައް އަލި ކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި މާލޭގައި މިހާރު ހުރި މަގުބައްތި ތަކުގެ ހާލަތު ބެލުމުގެ މަސައްކަތް ފަށާފައިވާނެ ކަމާއި، މިފަދަ އެތައް މަސައްކަތްތަކެއްގެ އަދާހަމަ މުއިއްޒުވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް