ށ. ޅައިމަގުގައި ހަލުވިކަމާއި އެކު ކޯވިޑް-19 ފެތުރެމުން ދާއިރު އާންމުންގެ ފަރާތުން ރެންޑަމް ސާމްޕަލް ނަގަން އެއްބާރުލުން ލިބެމުން ނުދާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފި އެވެ.
ޅައިމަގު ހޯމް ކަރަންޓީންގައި ހުރިހި މީހަކާއި ކޮންޓެކްޓު ވި މީހަކު ކޯވިޑަށް ޕޮސިޓިވްވެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ޓެސްޓު ކުރާ ސާމްޕަލްތަކުގެ ތެރެއިން ބައެއް މީހުން ދަނީ ކޯވިޑަށް ޕޮސިޓިވްވަމުންނެވެ.
ޅައިމަގު ސިއްހީ މަރުކަޒުން ބުނީ ރެންޑަމް ސާމްޕަލް ދޭން ބައެއް ފަރާތްތަކުން ދެކޮޅު ހެދުމުގެ މައްސަލަތައް ސާމްޕަލް ނަގާ ޓީމްތަކަށް ދިމާވަމުންދާ ކަމަށެވެ. ކޯވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނުދިނުމަކީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކުށެކެވެ.
އެކަމަކު އެއްވެސް މީހަކަށް ސާމްޕަލް ދިނުމަށް ޓީމުން މަޖުބޫރު ނުކުރާނެ ކަމަށް ސިއްހީ މަރުކަޒުން ބުނެ އެވެ. މަރުކަޒުން ވަނީ ވީހާވެސް ގިނަ ބަޔަކު ސާމްޕަލް ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
އެތަނުން ބުނީ ގިނަ ބައެއްގެ ރެންޑަމް ސާމްޕަލް ޓެސްޓުކޮށް ނަތީޖާއަށް ބެލުމަށް ފަހު ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަން ޔަގީން ކުރެވިގެން ނޫނީ ރަށް އާންމު ހާލަތަކަށް ނުގެނެވޭނެ ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
ޅައިމަގު މޮނިޓަރިންއަށް ލީފަހުން 89 ސާމްޕަލް މިހާތަނަށް ޓެސްޓު ކޮށްފައިވާއިރު އޭގެ ތެރެއިން 34 މީހުން ވަނީ ޕޮސިޓިވްވެފައި އެވެ. އެ 34 މީހުންނަކީ މިވަގުތު އެ ރަށުގައި ހުރި އެކްޓިވް ކޭސްތަކެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ބަލީގެ އަލާމާތްތަކާއި އެކު ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހުންނެވެ.
އެ ރަށުން ކޮންމެ ދުވަހަކު ޓެސްޓު ކުރާ ސާމްޕަލްތަކުގެ ތެެރެރިން ދެބައިކުޅަ އެއްބައި ސާމްޕަލްހެން ދަނީ ޕޮސިޓިވް ވަމުންނެވެ. ޅައިމަގުގައި ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެ އެވެ.
ޕޮސިޓިވް ކޭސްތަކާއި ގުޅިގެން ގިނަ ބަޔަކު ކަރަންޓީން ކޮށްފައި ތިބި އިރު އޭގެ ތެރޭގައި އަލަށް ހޮވުނު ކައުންސިލްގެ ރައީސާއި ކައުންސިލް ދެ މެމްބަރަކުވެސް ހިމެނެ އެވެ.
ޅައިމަގާއި އެކު ކޯވިޑް ފުތެރޭތީ އަތޮޅު ތެރޭގެ 60 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. މީގެ ތެރެއިން ބައެއް ރަށްރަށުގައި ދަނީ ކޯވިޑް ފެތުރުން އިތުރުވެފައިވާތީ ކާފިއު ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް